ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްގެ ޕްލެޓުފޯމެއް ވިލިމާލެ ފަރަށްއަރާ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެ ކުންފުނި ޖޫރިމަނާކުރާ އަދަދެއް އަވަހަށް އިއުލާނު ކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ގޮވާލައްވައިފިއެވެ.

ޝަރީފް މިއަދު ވިދާޅުވީ، އެކަހަލަ މައްސަލަތަކުގައި ދެފަރާތް މަޝްވަރާ ކުރުމެއް ނޯންނާނެ ކަމަށާ، އޮންނާނީ ލިބުނު ގެއްލުން ބަލައި ގާނޫނަށް ބަލައިގެން ޖޫރިމަނާ ކުރުން ކަމަށެވެ. އެހެންކަމުން އިތުރު ޑީލްތަކެއް ނުހަދައި އަވަހަށް ޖޫރިމަނާގެ އަދަދު އިއުލާނު ކުރުމަށް އޭނާ ވަނީ އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ގޮވާލައްވާފައެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، އެފްކޮންސް ޖޫރިމަނާ ކުރުމުގެ މައްސަލައިގައި ގޮތެއް ނުނިންމާ ލަސްވާނަމަ އެ ކަމުގެ ތެރެއަށް ކޮރަޕްޝަން ވަދެގެން ދާނެކަމަށެވެ.

މިފަދައިން ޝަރީފް ވިދާޅުވެފައި މިވަނީ، ވިލިމާލެ ފަރަށް ގެއްލުން ލިބުނު މައްސަލާގައި އެފްކޮންސްގެ އިސްފަރާތްތަކާ މަޝްވަރާ ކުރުމަށް އީޕީއޭގެޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް އިންޑިއާއަށް ވަޑައިގެންފިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކާ ގުޅިގެނެވެ.

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް އެތަނުން ނެގުނީ ފަރަށް ބޮޑެތި ގެއްލުންތަކެއްވެ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެ ގެއްލުންތައް ބެލުމުގެ މަސައްކަތް އީޕީއޭގެ ޓީމުން މިހާރު ނިންމާލާފައިވީނަމަވެސް، އެ ކުންފުނި ޖޫރިމަނާކުރާނެ އަދަދެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. އީޕީއޭއިން މީގެ ކުރިން ބުނެފައިވަނީ، ޖޫރިމަނާ ކަނޑައެޅުމުގައި ވެސް އަދި އެފަދަ އެހެންކަމެއްގައި ވެސް ސަރުކާރުން ޕްރެޝަރު ނާންނަކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު