ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީޚުގައި ރާއްޖޭގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވަމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައި މިއަދު ދެއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުން، އެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ޙައްޤުތަކެއް އިތުރަށް ކަށަވަރުކުރެވިފައިވާކަމަށެވެ. ހަމަ އެހެންމެ، ދަޢުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތު ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ޤާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ޑިމޮކްރެސީގެ ހަމަތަކާއި މަބްދައުތައް ނަގަހައްޓައި ކުރިއެރުވުމުގެ މަޤްޞަދުގައި، ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމަށް އ.ދ. މަޖިލީހުން ނިންމިތާ މިވީ 15 އަހަރުގެ ތެރޭގައި، ދުނިޔޭގެ ޤައުމުތަކުގައި ޑިމޮކްރެސީ ކުރިއަރުވައި އާލާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖe. ޑިމޮކްރެސީއާ މެދު އާންމުން ހޭލުންތެރިކުރުމަށާއި، ބައެއް ޤައުމުތަކަށް ޑިމޮކްރެސީ ތަޢާރަފްކުރުމަށް، މިދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައި ވިޔަސް، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމުގައި، ދުނިޔޭގެ ފެންވަރުގައި އަދިވެސް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެހެން ޤައުމުތަކެކޭ އެއްފަދައިން ތިމާވެށީގެ މައްސަލަތަކާއި ޓެރަރިޒަމްފަދަ މައްސަލަތަކަކީ ރާއްޖޭގެ ޑިމޮކްރަސީއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށާއި މިފަދަ ކޮންމެ ކަމަކުން ރާއްޖެ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، މުޅި ދަޢުލަތް ހިމެނޭހެން އަދި ފަރުދީ، ޖަމާޢީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ، ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.

"ވަރަށް ހަލުވި ބަދަލުވުންތަކެއްގެ ތެރޭގައި އޮތް މުޖްތަމަޢެއްގައި، މިނިވަން ޤައުމެއްގެ ގޮތުގައި އަޑު އުފުލަމުން އަންނައިރު، އަޅުގަނޑުމެންގެ ޑިމޮކްރެސީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކާތަކާއި ހުރަސްތަކަށް، ވަރަށް ބޮޑަށް ސަމާލުވެ ފާރަވެރިވާންޖެހޭ. އޭގެ ތެރެއިންވެސް މިއަދު ދުނިޔޭގެ ގިނަ ޤައުމުތައް ތަޖުރިބާކުރަމުންދާ އެންމެ ބޮޑު ނުރައްކަލަކީ، ދިވެހިރާއްޖެވެސް ތަޖުރިބާކުރަން ޖެހިފައިވާ ތިމާވެށީގެ މައްސަލަތަކެއް. ޓެރަރިޒަމާއި ހަނގުރާމަތަކުގެ ނުރައްކާތެރިކަން ވަކިން ކުޑައެއް ނޫނެވެ. މިއިން ކޮންމެ ކަމަކުން ދިވެހިރާއްޖެ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ފަރުދީ އަދި ޖަމާޢީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ، މުޅި ދައުލަތުގެ ޒިންމާއެއް." ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހެވެ،



ކިޔުންތެރިންގެ ހިޔާލު