ރިޔާސީ އިންތިޚާބަކީ ރީތީގެ މުބާރާތެއް ނޫން ކަމަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ، އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމް މުހައްމަދަކީ ވަރަށް ރީތި ޒުވާން ބޭފުޅެއް ކަމަށާއި ސިޔާމްގެ ރީތިކަމަށް ބަލާފައި ވެސް އޭނާ ރައީސް ކަމަށް ގެންނަން ގިނަ ބަޔަކު ވޯޓްދޭނެ ކަމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެެވެ.

އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވީ ރިޔާސީ އިންތިޚާބަކީ ރީތީގެ މުބާރާތެއް ނޫން ކަމަށާއި ރައްޔިތުން އިންތިޚާބުގައި ވޯޓްލާންވާނީ އެންމެ ތެދުވެރި އިޚުލާސްތެރި މީހަކަށް ކަމަށެވެ. ޒައިދު ވިދާޅުވީ ވެރިކަމަށް އާދެވެނީ ވަރަށް ގިނަ އަހުދުތަކެއް ވެގެން ކަމަށެވެ. އަދި އެއީ ރައްޔިތުން ހަވާލުކުރާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށް އޭނާ ވިދާޅުވިއެވެެ.

"މަސްއޫލިއްޔަތު ނޫފުލައިފިނަމަ ގިޔާމަތްދުވަހު ސުވާލުކުރެވޭނެ ބޮޑު ވެގެންވާ ކަމެއް." އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޒައިދު ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ އެޓާނީޖެނެރަލް ޑރ.ހަސަން ސައީދަށް ގިނަ ބަޔަކު ވޯޓް ދިނީ ވެސް ޑރ.ހަސަން ސައީދު ރީތިކަމުން ކަމަށެވެ. މައުރޫފް ވިދާޅުވީ 2008 ވަނަ އަހަރު ހަސަން ސައީދަށް 25000 ވޯޓް ލިބުނުކަމަށެވެ. ތަޖުރިބާއެއް ނެތް ބޭފުޅަކަށް އެހައި ގިނަ ބަޔަކު ވޯޓް ދިނީ ހަސަން ސައީދުގެ ރީތިވީމާ ކަމަށް މައުރޫފް ވިދާޅުވިއެވެެ.

"އަޅުގަނޑު ކައިރި އެތައް އަންހެން ކުދިންނެއް އެތައް ކުދިންނެއް ބުނި ހަސަން ސައީދަށް ވޯޓް ދިނީ ރީތިކަމުންނޭ. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އިނގޭ އެމެރިކާގައި ވެސް ބިލް ކްލިންޓަނަށް ވެސް އޮބާމާއަށް ވެސް ވޯޓް އެބަ ލިބޭ ކަން ވަކި ޕަސެންޓެއް މީހާގެ ރީތިކަމަށް. އެހެންވީމަ އަޅުގަނޑުމެންގެ ރައީސަށް ވުރެ ސްމާޓް ރީތި ބޭފުޅެއް ނެތް މިއަދު ރިޔާސީ ރޭހަކު." މައުރޫފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު