ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާބެހޭ ގާނޫނު އިސްލާހު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ނިއްމަވައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން ބްރޯޑްކާސްޓިންގ އެވޯޑް ދިނުމުގެ ހަފުލާގައި މިރޭ ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، މިދިޔަ ޖުލައި މަހު ތަސްދީގު ކުރި ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ ށ. އަށް ގެނައި އިސްލާހާއި މެދު މީޑިޔާގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. ރައީސް އިޝާރަތް ކުރެއްވި އެ މާއްދާއަކީ އެ ޚަބަރު ލިޔުމަށް މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަންޖެހޭ ހާލަތްތައް ބަޔާން ކުރާގޮތަށް އޮތް މާއްދާއެެވެ.

ރައީސް ސާލިޙު ވިދާޅުވީ އެކަމާ ގުޅިގެން މީޑިޔާގައި މަސައްކަތް ކުރާ ބޭފުޅުންނާއި އެމަނިކުފާނު ބައްދަލުކުރަށްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"މިކަމަށް ހައްލެއް ހޯދުމަށް އެ ގާނޫނު އަލުން އިސްލާހު ކުރަން އަޅުގަނޑު މިހުރީ ނިންމައިގެން. ޚިޔާލު ފާޅުކުރުމާއި މައުލޫމާތު ފެތުރުމަށްވުރެ ނޫސްވެރިކަމާއި ބްރޯޑްކާސްޓްކުރުމުގެ ޒިންމާ މާބޮޑު. އެއީ ގައުމީ މަސްލަހަތު ހިމާޔަތް ކުރުން." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިޔާ ކައުންސިލް މިނިވަންކަމާއެކު ހަރަކާތްތެރިވާނެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަ ކުރާނެ ޖާގައެއް މިއަދު ނެތް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އެގޮތުން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކުރީގެ ސަރުކާރުން ހަދާފައި އޮތް އަބުރުގެ ގާނޫނު އުވާލެއްވި ކަމަށް ރައީސް ވިދާޅުވިއެވެެ. ރައީސް ވިދާޅުވީ ސަރުކާރާއި ޚިޔާލު ތަފާތުވެ އެމަނިކުފާނާއި ދެކޮޅު ވެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ގައުމާއި ދެކޮޅު ނުވެވޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އަވައްޓެރި ގައުމަކަށް ކުރިމަތިވި ހިތާމަވެރި ހާލަތެއް ތިމާގެ ގައުމަށް ކުރިމަތިނުވެގެން ލޮލުފިޔަ ނުޖެހިފައި ތިބެގެން ނުވާނެ، ސަރުކާރާއި ޚިޔާލު ތަފާތުވެވިދާނެ އަޅުގަނޑާއި ނުރުހި އިދިކޮޅު ވެސް ހެދިދާނެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ގައުމަކާއި ދެކޮޅެެއް ނުވެވޭނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އެ މާއްދާގެ (ށ)ގައި ވަނީ، ވަކި ހާލަތްތަކެއްގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ކޯޓަށް އަމުރުކުރެވިދާނެ ކަމަށެވެ.

މިއީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނިވެގެންދާނެ ގޮތަށް އޮތް މާއްދާއެއް ކަމަށް ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

މި ގާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާ ގުޅޭ ޖަމިއްޔާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގާނޫނު ތަސްދީގުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން އަދި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއް ކަމަށެވެ. އަދި ގާނޫނު ތަސްދީގުކުރުމުން މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތެއް ނެތްކަން އެނގިގެން ގޮސްފައިވާ ކަމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ހަނިކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ގައިރު ޒިންމާދާރު ގޮތެއްގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު