އަހުމަދު މަސްނޫމް   14 ސެޕްޓެމްބަރު 2022 - 13:42
މިދޔަ އަހަރެއްހާ ދުވަހު އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްޕުޅަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް ތައުރީފް ކުރައްވައިފިއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމުގެ ދައުރު ޝާހިދު ފުރީހަމަކުރެއްވުން ފާހަގަކުރައްވާ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ޝާހިދު ވަނީ އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމުގައި ވަރަށް ހުނަރުވެރިކަމާއި، ވިސްނުންތެރިކަމާއި، އިޚްލާޞްތެރިކަމާއެކީގައި މަސައްކަތް ކުރައްވާފައިކަމަށެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް ވިދާޅުވީ ޝާހިދުގެ އުއްމީދުގެ ރިޔާސަތުން ގެނެސްދިނީ އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން، އެއްބައިވަންތަކަމާއެކު، އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ގޮންޖެހުންތަކާއި ކުރިމަތިލެވޭނެކަމުގެ އުންމީދުކަމަށެވެ.



އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުންނެވެ. އެއީ 193 ޤައުމު އެކުލެވޭ އާންމު މަޖިލީހުގެ 143 ޤައުމުގެ ބޮޑު އަޢުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.

2021 ސެޕްޓެންބަރު 14 ގައި ފެށި ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ފަރާތުން ރިޔާސަތު ބަލަހައްޓަވަން ފޮރިން މިނިސްޓަރ ޝާހިދު ޚިޔާރުކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

މިއީ އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހި ރާއްޖޭން ކުރިމަތިލި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ މިހާތަނަށް އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭން ބެލެހެއްޓި ފުރަތަމަ އަދި ތާރީޚީ ފަހަރުވެސްމެއެވެ.



ކިޔުންތެރިންގެ ހިޔާލު