2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިޢުލާންކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ރީތި އަދި އެންމެ ސްމާޓް ބޭފުޅަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު މައުރޫފް އަހުމަދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑރ. ހަސަން ސައީދަށްވެސް ގިނަ ބަޔަކު ވޯޓް ދިނީ އޭނާގެ ރީތިކަމަށް ބަލާފައިކަމަށެވެ.

"އަޅުގަނޑު ކައިރި އެތައް އަންހެން ކުދިންނެއް އެތައް ކުދިންނެއް ބުނި ހަސަން ސައީދަށް ވޯޓް ދިނީ ރީތިކަމުންނޭ. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އިނގޭ އެމެރިކާގައި ވެސް ބިލް ކްލިންޓަނަށް ވެސް އޮބާމާ އަށް ވެސް ވޯޓް އެބަ ލިބޭ ކަން ވަކި ޕަސެންޓެއް މީހާގެ ރީތިކަމަށް." މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިޢުލާންކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ރީތި ބޭފުޅަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ރައީސަށް ވުރެ ސްމާޓް ރީތި ބޭފުޅެއް ނެތް މިއަދު ރިޔާސީ ރޭހަކު." މައުރޫފް ވިދާޅުވިއެވެ.

މީހާގެ ސިފައަށް ބަލާފައި ލިބޭ ވޯޓް ގިނަވާނެކަމަށް އެމްޑީއޭއިން ބުންޏަސް އެއީ މިހާތަނަށް ސާބިތުވެފައި ހުރި ކަންކަމެއް ނޫނެވެ. އަދި ރިޔާސީ އިންތިހާބަށް އެމްޑީއޭއިން ކެމްޕެއިން ކުރަމުންދިޔަނަމަވެސް އެ ޕާޓީއަށް 10 ހާސް މެމްބަރުންވެސް ހަމައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު