މިސަރުކާރުން މިހާތަނަށް 2000 ކިލޯ މީޓަރަށް ވުރެ ގިނަ ކަރަންޓް ކޭބަލް ބިމުގެ އަޑިއަށް ވަޅުލާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ، މިހާތަނަށް 2000 މީޓަރަށްވުރެ ގިނަ ކޭބަލް ބިމުގެ އަޑިއަށް ވަޅުލެވިފައިވާ ކަމަށާއި އެއީ ނިސްބަތުން ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށެވެ. ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ކުޑަ ރަަށެއް ބޮޑު ރަށެއް ތަފާތު ނުކުރާ ކަމަށާއި ވަޅުލި ކޭބަލް ތަކަކީ ކުރިއަށް އޮތް 40 އަކަށް އަހަރަށް ހިސާބު ޖެހުމަށްފަހު ވަޅުލި ކޭބަލް ކަމަށް ސައީދު ވިދާޅުވިއެވެ.

"އޭގެ މާނައަކީ ކުރިއަށް އޮތް 30 ނުވަތަ 40 އަހަރު ތެރޭގައި އޭގެ ކޭބަލް ނެޓްވޯކަކާއި އިންޖީނު ގެއަކާއި ބަޔަކު ކުޅޭކަށް ނުޖެހޭނެ. އެހެންވީމަ ހަގީގަތަކީ މި ގެނެވުނީ ވަރަށް ބޮޑު އިންގިލާބީ ބަދަލެއް މި ރާއްޖޭގެ ރައްޔިތުންނަށް." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ރައީސް ސާލިޙު ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް މި ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެެއްގައި ފެނާ ނަރުދަމާ ނިޒާމް ގާއިމް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި ސަރުކާރުން ގާއިމް ކުރާ ފެނާ ނަރުދަމާ ނިޒާމްގެ މަޝްރޫއު ނިމި ޚިދުމަތް ދޭއިރު އެ ދެ ނިޒާމްގައި އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ސާލިޙު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އާންމުންނަށް އުނދަގޫ ވާ ގޮތަށް ދުމުން ސަލާމަތް ނުވެ ހުރި އެތައް އިންޖީނުގެއެއް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް ރައްޔިތުން ގެދަބުޅިން ސަލާމަތް ކުރެވިފައިވާ ކަމަށާ އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުން ވަރަށް ނިކަމެތި ދަތި ހާލުގައި ވަރަށް އުދަގޫ ތަހައްމަލު ކުރަމުންދިޔަ ދަނޑިވަޅެއްގައި ރައީސް ސާލިޙު ސަރުކާރާއި ހަވާލުވެވަޑައިގަތީ، އެހެންވީމަ އެމަނިކުފާނު އަވަސްކުރެއްވީ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުން އެ ތަކުލީފުތަކުން ސަލާމަތް ކުރުމަށް. ނަތީޖާއަކީ އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް އެއިން ސަލާމަތް ކުރެވިއްޖެ. މިއީ މާޒީގައި 50 އަކަށް އަހަރު ނުވެ ހުރި މަސައްކަތް ކޮށް މިނިއްމާލީ." ސައީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު