ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ޤައުމުގެ ސަލާމަތީ ޙާލަތު ފަހުމްވެ ވަޑައިގަންނަވާ ވެރިއެއް ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ރައީސް ސާލިޙަކީ ދިފާޢީ އަމާޒު ހިފަންވީ މިސްރާބު ދެނެވަޑައިގަންނަވާ، ރައްޔިތުންގެ އިހުސާސްތައް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޒަޢާމަތުގައި ހުންނެވީ، ދިވެހިރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއްނޫން ކަމަށެވެ. މާރިޔާ ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޤައުމީ ދިފާއީ ބާރަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ސަލާމަތީ ނިޒާމުތައް ބައްޓަން ކުރެއްވުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށެވެ. އަދި މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު ކޯސްޓްގާޑްގެ ހުރިހާ ބޮޑެތި އުޅަނދުތައް އޮތީ ނުދުވާ ހާލަތުގައިކަން މާރިޔާ ވަނީ ފާހަގަކުރަށްވާފައެވެ.

ނަމަވެސް މިއަދު އެއް އުޅަނދު ފިޔަވާ ހުރިހާ އުޅަނދެއް އޮޕަރޭޝަނަލް ޙާލަތަށް ގެނެސް ކޯސްޓްގާޑުން ބޭނުން ކުރަމުންދާ ކަމަށާއި ކޯސްޓްގާޑް ޝިޕް ހުރަވީގެ ޙާލަތު ދަށްވަމުންދާތީ ބަދަލުގައި އެހެން އުޅަނދެއް ލިބޭނެ މަގު ރައީސް ފަހިކޮށްދެއްވާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެކަަމަނާ ވިދާޅުވީ، ރައީސް ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރީ 5 އަހަރާ އަޅާބަލާއިރު، މިދިޔަ 3 އަހަރާ ބައިގެ ތެރޭގައި އަންހެނުން ސިފައިންގެ ވަޒީފާއަށް ރެކްރޫޓްކުރެވުނު ނިޞްބަތް 25 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި އަންހެން ސިފައިންނަށް މަޤާމުގެ ކުރިއެރުން ލިބުނު މިންވަރު 50 އިންސައްތަ އިތުރު ވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ސިފައިންގެ ބޯޑުތަކާއި ކޮމިޓީތަކުގައި އަންހެނުންގެ ޙިއްސާ 120 އިން ސައްތަ އިތުރުކުރެވިފައިވާ ކަން ވެސް މާރިޔާ ވަނީ ފާހަގަކުރަށްވާފައެވެެ.



ކިޔުންތެރިންގެ ހިޔާލު