ރާއްޖޭގެ ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުވެ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ވަރަށް ބޮޑު ރައްކާތެރިކަމަކާއި ޔަޤީންކަމެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު، މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްެރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ސިޔާސީ ގުޅުންތަކުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް ލިބެނީ އިހުތިރާމާއި ގަދަރު ކަމަށެވެ. އަދި އެކަން އިތުރަށް ކަށަވަރުވަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމުގައި އެ ގައުމުތަކުން ވެސް ފުރިހަމަ އެއްބާރުލުން ދޭތީ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.

"ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އަޅުގަނޑުމެން ގެނައި ހެޔޮ ބަދަލުގެ ސަބަބުން، ރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުވެ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް މިވަނީ ވަރަށް ބޮޑު ރައްކާތެރިކަމަކާއި ޔަޤީންކަމެއް ލިބިފައި." ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމަށެވެ. އެ މިނިވަންކަމާއި ސިޔާދަތުގެ އައްޑަނައަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ސިފައިންކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ޤައުމު ދިފާޢުކުރުމުގައި، އަބަދުވެސް ކޮމާންޑް އެންޑް ކޮންޓްރޯލް އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައި. އެކަން، ދިވެހި ޢަސްކަރިއްޔާގެ ހަމަ ކޮންމެ ފަރުދަކު އަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ. އެއަށްވުރެ މަތީ ޒިންމާއެއް ދިވެހި ސިފައިންގެ ކޮނޑުގައި އެޅިފައެއް ނޯންނާނެ." ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވިއެވެ.



ރައީސް ދެއްކެވި ވާހަކަފުޅުގައި ދުނިޔެއަށް ކުރިމަތިވަމުންދާ ޓެރަރިޒަމްގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖެއަށް ވެސް އެ ނުރައްކާ އޮތްކަން ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެފަދަ ކަންކަމަށް ސަމާލުވާންޖެހޭ މިންވަރު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށާއި، ސަބަބަކީ ޒަމާނީ ޓެކްނޮލޮޖީ އާއި މުވާޞަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ އުކުޅުތައް ވެސް އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުން އަންނާތީ ކަމަށެެވެ.

ރައީސް ސާލިޙު ވިދާޅުވީ ޓެރަރިޒަމްގެ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ހިތްވަރުގަދަ ސިފައިންކަމަށާއި، އެކަމަށްޓަކައި، ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި، އެމީހެއްގެ ކެރުމާއި ޤާބިލުކަން ހުރި މިންވަރަކުން ޢަސްކަރިއްޔާގެ ކޮންމެ މީހަކަށް ވެސް މިހާރު ކުރިއަށް ދެވޭނެކަމަށާއި އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުނުކޮށް ހަމަހަމަ ފުރުޞަތު ފަހިކޮށްދެއްވާނެކަމުގެ ޔަގީން ކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ފާއިތުވި ދެއަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ޒަމާނީ ވަސީލަތްތައް ހޯދައި، ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އެތައް ގުނައެއް މިހާރު އިތުރުކުރެވިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެެ. އެމަނިކުފާނު ވިދާޅުވީ ޤައުމުގެ ދިފާޢުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް ހޯދިފައިވާކަމަށެވެ. ހަމައެހެންމެ، ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ ޢިލްމީ އަދި ފަންނީ ތަމްރީނުތައް ސިފައިންނަށް ބަރާބަރަށް ދެމުންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ސަރަހައްދީ ސުލްހައާ ހަމަޖެހުން ދެމިއޮތް މިންވަރެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހިން ވެސް އަދާކުރަންޖެހޭ ދައުރެއް އެބަ އޮތް ކަމަށާއި ދިވެހި އަސްކަރިއްޔާ އިން އެ ޒިންމާ ވަރަށް ފުރިހަމަ އަށް އަދާކުރަމުންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު