ރާއްޖޭގެ ދެ ރަށެއްގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރަމުން ގެންދިޔަ ބާ އިންޖީނުގެތައް ބަންދުކޮށް ފެނަކައިން އިމާރާތް ކުރި އާ އިންޖީނުގެތަކަށް ހިދުމަތް ބަދަލު ކޮށްފިއެވެ.

އަލަށް އާ އިންޖީނުގެތަކުން ހިދުމަތް ދޭން ފެށި ރަށްތަކަކީ، ޅ. ކުރެންދޫ އާއި ހއ. މޮޅަދޫއެވެ.

އެގޮތުން، ޅ. ކުރެންދޫގައި 18 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، އިއްޔެގެ 16:57 އިން ފެށިގެން މުޅިން އައު އިންޖީނުގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާކަމަށް ފެނަކައިން ބުނެއެވެ.

އަދި ހއ. މޮޅަދޫގައި 13 އަހަރު ވަންދެން ބޭނުންކުރި ޒަމާންވީ އިންޖީނުގެ ނިއްވާލާ، އިއްޔެގެ 17:28 އިން ފެށިގެން މުޅިން އައު އިންޖީނުގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

އެ ކުންފުނިން ބުނީ، އާ އިންޖީނުގެތަކަށް ހިދުމަތް ބަދަލު ކުރުމާއިއެކު އެ ރަށްރަށުގެ ކަރަންޓުގެ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިފައިވާކަމަށާ، އަދި ކަރަންޓްގެ ހިދުމަތުގެ ފެންވަރު އެތައްތަނަކުން ރަނގަޅުވެގެން ދާނެކަމަށެވެ.

ފެނަކައިން ދަނީ ރަށްރަށުގައި ހުރި ބާ އިންޖީނުގެތައް ބަންދުކޮށް، ޒަމާނީ ވަސީލަތްތަކާއެކު އެ ކުންފުނިން ގާއިމްކުރާ އިންޖީނުގެތަކަށް ހިދުމަތް ބަދަލު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު