އދގެ އާއްމު މަޖިލީޙުގެ ރައީސްކަމުގެ ދައުރު ނިންމަވާލައްވާއިރު ދިވެހިރާއްޖެއަށް ހިދުމަތެއް ކޮށްދެވިއްޖެކަމުގެ އިހުސާސް ކުރެއްވޭކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ކުރެވުނު މަސައްކަތްޕުޅުތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އދ.ގެ 193 ޤައުމުގެ މަންދޫބުން ސަފީރުން ތެދުވެވަޑައިގެން ދިވެހިރާއްޖެއަށް ދެއްވި ތަރުހީބަކީ މިހާތަނަށް ފެނިފައި ނުވާވަރުގެ ވަރުގަދަ ތަރުހީބެއްކަމަށެވެ. އަދި އދގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި ރާއްޖެއަށް ނިސްބަތްކުރައްވާ އެ ވިދާޅުވި ހެޔޮ ބަސްފުޅުތަކަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ކުރެވެނީ ވަރަށް އުފާވެރި އިހުސާސްތަކެއް. ދިވެހިރާއްޖެއަށް އަޅުގަނޑަށް ހިދުމަތެއް ކޮށްދެވިއްޖެކަމުގެ އިހުސާސް." ޝާހިދު ވިދާޅުވިއެވެ.



ޝާހިދު ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ކާމިޔާބުކޮށް ކުރެވުނު މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތަކީ ނަމޫނާއެއްކަމުގައި ދުނިޔެ ބަލައިގެންފިކަމަށެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއިން އދ މަޖިލީހަށް ގެންގޮސްދިން އުއްމީދުގެ 5 ދޯދި ހުރިހާ ޤައުމަކުން ބަލައިގެންފައިވާކަމަށާއި އަދި އެ ދޯދިތަކުން މުޅި ދުނިޔެ އުޖާލާވެފައިވާކަމަށެވެ.

ޝާހިދު ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވިއިރު ގިނަ ބައެއްގެ އެހީތެރިކަން ލިބިވަޑައިގަތްކަމަށެވެ. އަދި މިއީ އެތައް ބައެއް ގުޅިގެން ކުރެވުނު މަސައްކަތްތަކެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުންނެވެ. އެއީ 193 ޤައުމު އެކުލެވޭ އާންމު މަޖިލީހުގެ 143 ޤައުމުގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.

2021 ސެޕްޓެންބަރު 14 ގައި ފެށި ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ފަރާތުން ރިޔާސަތު ބަލަހައްޓަވަން ފޮރިން މިނިސްޓަރ ޝާހިދު ޚިޔާރުކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

މިއީ އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހި ރާއްޖޭން ކުރިމަތިލި ފުރަތަމަ ފަހަރުވެސްމެއެވެ.



ކިޔުންތެރިންގެ ހިޔާލު