ޞާދިރު ޢަލީދީދީ   10 ސެޕްޓެމްބަރު 2022 - 17:14
ކުދީން ކުރާ ސުވާލުތަކަށް ޖަވާބުދިނުން
ކުދީން ކުރާ ސުވާލުތަކަށް ޖަވާބުދިނުން
ކުޑަކުދީން ބޮޑުވަމުން އަންނައިރު، އެކުދީންނަށް ފެންނަ ކޮންމެ އެއްޗަކާމެދު އަދި އަޑުއިވޭ ކޮންމެ ވާހަކައަކާމެދު، އެކަންކަން އޮޅުންފިލުވުމުގެ ގޮތުން އެކުދީން ސުވާލު ކުރަމުން ގެންދެއެވެ. އެއީ އެކުދީންގައި ޤުދްރަތް ލައްވާއިވާ ތަރައްޤީގެ ވަރުގަދަ ބާރެކެވެ.

ވީމާ، ކުދީންގެ މިފަދަ ސުވާލުތައް، މައިންބަފައިންނާއި އަދި ބެލެނިވެރިންވެސް ވިސްނުންތެރިކަމާއެކު، ކަނުލައިއަޑުއަހައި އެސުވާލުތަކަށް ޖަވާބުދޭންވާނެއެވެ. ޖަވާބުދޭންވާނީ ވީހާވެސް ކުރު، އެހެންނަމަވެސް ސާފު ތެދުބަހުންނެވެ.

އެފަދަ ސުވާލެއްގެ ޖަވާބު މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ނޭނގިޖެނަމަ ދޮގުނަހަދައި ނުވަތަ ނޭނގި އޮޅުވާލައިގެން ޖަވާބުނުދީ ދަންނަ މީހެއްގެ ކިބައިން އޮޅުންފިލުވައިގެން ޖަވާބު ދޭނީއެވެ.

އެފަދަ ސުވާލެއްކޮށްފިނަމަ " ތިސުވާލަށް ޖަވާބުދޭން މަންމަމެންނަށް ނޭނގޭ. ދަންނަމީހަކު ކުރެން އަހައިގެން ފަހުން ޖަވާބު ދޭނަން.! މިފަދަ ގޮތަކަށް ބުނަންވާނެއެވެ.

ކަންމިހެން އޮތްނަމަވެސް، ހިތާމަހުރި ކަމަކީ، ކުދީން ކުރަމުންދާ އެފަދަ ސުވާލުތަކާމެދު، ބައެއް މައިންބަފައިންނާއި ބެލެނިވެރިން ރުޅިއައިސް ޖަވާބު ނުދީ، ނޫންނަމަ އެއްވެސް ވިސްނުމެއް ނެތި އޮޅުވާލައި ނުބައި ޖަވާބުދެމުން ގެންދާކަމެވެ. އަދި ބައެއްފަހަރު އެގޮތަށްކަންތައް ކުރާ މައިންބަފައިންނާ ބެލެނިވެރިން، ކުދީން އެފަދަ ސުވާލެއް ކުރަންފެށުމުން އެކަމާ އުދަދޫވެގެން ރުޅިއައިސް ދެން އެފަދަ ސުވާލުތައް ނުކުރުމަށް އެކުދީންނަށް އިންޒާރުދީ އެކަން މަނާކުރުވައެވެ.

ހަޤީޤަތަކީ މައިންބަފައިންނާއި ބެލެނިވެރިންނަށް ނޭނގިނަމަވެސް އެކުރެވެނީ ކުއްޖާގެ ގައިގައި ޤުދްރަތް ލައްވާފައިވާ ހެދިބޮޑުވުމާ އެއްވަރަށް ކުއްޖާގެ ސިކުނޑި ތަރައްޤީވުމުގެ ބާރު ކަނޑުވާލުމެވެ. ކުއްޖާގެ ސިކުނޑިގެ ތަރައްޤީގެ ދުވެލި ހުއްޓުވުމަކަށް ގެނައުމެވެ. ނަތީޖާއަކަށް ވެގެންދަނީ ކުއްޖާއާއި މައިންބަފައިނާ އަދި ބެލެނިވެރިންނާ ކަންކަން ހިއްސާކުރަން ކުއްޖާ ޖެހިލުންވެ، މައިންބަފައިންނާ އޮތްނަންވާގުޅުން ކުޑަވެގެންދިޔުން އަދި ކުއްޖާއަށް ނުބައި މަޢުލޫމާތުގެ ސަބަބުން ކުއްޖާ އޮޅުންބޮޅުންވެ ވިސްނުންކޮށިވުމެވެ.



**********

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވައި ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން