ރާއްޖޭގެ 6 ސަރަހައްދުގައި އެއަރޕޯޓް ތަރައްގީ ކުރަން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލައިފިއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު"ގެ ދަށުން ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އާންމުކޮށް ދައުވަތު ހުޅުވާލާ ކަމަށެވެ.

ރާއްޖޭގެ 6 ސަރަހައްދެއްގައި މުޅި އެއަރޕޯޓު ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައިވެސް ސަރުކާރުން ހުޅުވާލިއެވެ. ނަމަވެސް ފަހުން ވަނީ މުޅި އެއަރޕޯޓް ތަރައްގީކުރުމަށް ނުވަތަ އެއިން ބައެއް ތަރައްގީކުރުމަށް ފައިނޭންސް ކުރުމަށް ހުށައެޅޭގޮތަށް ބަދަލު ގެނެސްފައެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެންމެ މަދުން ހުށައެޅޭނެ އަގު ވަނީ 5 މިލިއަނުން 3 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

ޕްރޮޕޯސަލް ހުށަހަޅަން ސަރުކާރުން ހުޅުވާލާފައިވަނީ، ހދ. މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ށ. ބިލަތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ބ. ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ތ. ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު، ފ. މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު އަދި ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރެވެ.

ޕްރޮޕޯސަލް ހުށަހަޅާއިރު ފައިނޭންސްކުރުމަށް ހުށަހަޅާ އެއާޕޯޓަކީ ކޮބައިކަން ބަޔާންކުރަންވާނެކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓް ތެރޭގައި އެއަރޕޯޓަކަށް ދެވޭވަރަށް އެކި ސަރަހައްދުތަކުގައި އެއަރޕޯޓުތައް ތަރައްގީ ކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.

މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް ވަނީ ތަރައްޤީކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން