އޮސްޓްރޭލިޔާގެ އެންމެ އާބާދީ ބޮޑު ނިއު ސައުތް ވޭލްސް ސްޓޭޓްގެ ރައްޔިތުން ކޮންމެ ދުވަހެއްގެ ވަކި ވަގުތުތަކެއްގައި ކަރަންޓް ބޭނުންކުރުން ހުއްޓާލުމަށް އެ ގައުމުގެ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

އޮސްޓްރޭލިޔާގައި މި ފިޔަވަޅު އަޅަން ޖެހުނީ ހަކަތައިގެ ދަތިކަމެއް ކުރިމަތިވެގެން އުޅޭތީއެވެ.


ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އޮސްޓްރޭލިޔާގެ ކްލައިމެޓް ޗޭންޖް އެންްްޑް އެނާޖީ މިނިސްޓަރ ކްރިސް ބޮވެން ވަނީ ނިއު ސައުތް ވޭލްސްގެ ރައްޔިތުން ކޮންމެ ދުވަހަކު އިރުއޮއްސި 6:00 އިން ރޭގަނޑު 8:00އަށް ކޮންމެހެން ބޭނުންކުރަން ޖެހިގެން ނޫނީ ކަރަންޓް ބޭނުންނުކުރަން އިލްތިމާސް ކޮށްފައެވެ.

ނިއު ސައުތު ވޭލްސްއަކީ މަޝްހޫރު ސިޑްނީވެސް ހިމެނޭ ސްޓޭޓްއެވެ. އެ ސްޓޭޓްގެ އާބާދީ 8 މިލިއަނަށް އަރައެވެ.

ކޮންމެހެން ބޭނުންކުރަން ޖެހިގެން ނޫނީ ކަރަންޓް ބޭނުން ނުކުރަން އޮސްޓްރޭލިޔާގެ ކްލައިމެޓް ޗޭންޖު އެންްްޑް އެނާޖީ މިނިސްޓަރު އިލްތިމާސްކުރީ، ކަރަންޓް ކެނޑުން ކުރިމަތިވެދާނެތީ އެކަމުން ސަލާމަތްވެ، ކަރަންޓް ހަރަދު ކުޑަކުރުމަށެވެ.

އޮސްޓްރޭލިޔާގައި އުފައްދާ ކަރަންޓްގެ ބޮޑު ބައެއް އުފެއްދުމަށް ކޯލް ނުވަތަ ބޯޓު ދެލި ބޭނުންކުރާއިރު، އެ ގައުމަކީ ދުނިޔޭގައި އެންމެ ގިނައިން ކޯލް އެކްސްޕޯޓް ކުރާ ގައުމެވެ. ނަމަވެސް އެ ގައުމަށް މިފަހުން ވަނީ ކަރަންޓް އުފެއްދުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ކޯލްއިން ކަރަންޓް އުފައްދާ އިންޖީނުގެތައް ބާވުމާއި، ކޯލް މައިންތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކާއި، ފިނި މޫސުމުގެ ސަަބަބުން ކަރަންޓަށް އޮންނަ ޑިމާންޑް ބޮޑުވުން ހިމެނެއެވެ.

އޮސްޓްރޭލިއާ ސަރުކާރުން މިހާރު ދަނީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު