އިރާނުގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ފިޔަވަޅެއް އެޅުމާ މެދު އެމެރިކާގެ ގިނަ ރައްޔިތުން ދެކޮޅު ހަދަމުންދާކަން ދާދިފަހުން ކުރި ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފިއެވެ.

"އެކޮނޮމިސްޓް" އަދި "ޔޫގަވް" ގުޅިގެން ކުރިއަށްގެންދިޔަ މި ސާވޭއިން ހާމަވާގޮތުގައި، އިރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ވެރިކަން ވައްޓާލުމަށް ބާރުގެ ބޭނުންކުރުމާއި، މުޒާހަރާގެ ބައިވެރިންނާ މެދު އިރާނުން އަމަލުކުރާ ގޮތުގެ ބަދަލުހިފުމެއްގެ ގޮތުން އެ ގައުމަށް ބޮން އެޅުމަށް ވެސް އެމެރިކާގެ ގިނަ ބަޔަކު ތާއީދެއް ނުކުރެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އިރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމާ މެދު 48 އިންސައްތަ މީހުން ދެކޮޅު ހަދާއިރު، އެކަމަށް ތާއީދުކުރަނީ އެންމެ 28 އިންސައްތަ މީހުންނެވެ. އަދި އާޔަތުﷲ އަލީ ޚާމަނާއީގެ ވެރިކަން ވައްޓާލަން ބާރުގެ ބޭނުންކުރުމާ މެދު 42 އިންސައްތަ މީހުން ދެކޮޅު ހަދާއިރު، ތާއީދުކުރަނީ 33 އިންސައްތަ މީހުންނެވެ. މީގެ އިތުރުން، މުޒާހަރާގެ ބައިވެރިންނަށް ކުރާ އަނިޔާތަކާ ގުޅިގެން އިރާނަށް ބޮން އެޅުމާ މެދު 52 އިންސައްތަ މީހުން ވަނީ ދެކޮޅު ހަދާފައެވެ.

މި މައްސަލައިގައި އެމެރިކާގެ ސިޔާސީ ދެ ޕާޓީގެ މެދުގައި ބޮޑު ތަފާތެއް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން މިފަދަ އަސްކަރީ ފިޔަވަޅުތަކަށް ތާއީދުކުރަނީ 20 އިންސައްތައަށް ވުރެ މަދު ބައެކެވެ. ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ގިނަ ބަޔަކު (މެޖޯރިޓީ) މި ތިން ބާވަތުގެ އަސްކަރީ ފިޔަވަޅަށް ވެސް ތާއީދުކުރާކަން ސާވޭއިން ދައްކައެވެ.

އިރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ސަބަބުން އެ ގައުމުގެ ސަރުކާރު ވެއްޓިދާނެ ކަމާ މެދު އެމެރިކާގެ ރައްޔިތުންނަށް އޮތް އިތުބާރު ވަރަށް ކުޑައެވެ. އެހެންނަމަވެސް، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ ސިފައިން އިރާނުގައި އަސްކަރީ ހަރަކާތެއް ހިންގުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު