އީޕީއޭއިން އާންމުކޮށްފައިވާ ގުޅީފަޅު ސަރަހައްދުގެ ޑްރޯން މަންޒަރެއް
އީޕީއޭއިން އާންމުކޮށްފައިވާ ގުޅީފަޅު ސަރަހައްދުގެ ޑްރޯން މަންޒަރެއް
ގުޅިފަޅުގައި ގާއިމްކުރެވޭ ޕޯޓްގެ މަޝްރޫއާއި ގުޅިގެން، އެސަރަހައްދުގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުގެ މަޢުލޫމާތު ސާފުކުރުމަށް ކަމާބެހޭ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މި މައްސަލަ ދިރާސާ ކުރުމުގެ ގޮތުން ކަމާ ބެހޭ ފަރާތްތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައެވެ. އެގޮތުން، މިނިސްޓަރ އޮފް އެންވަޔަރަމެންޓާއި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާއާއި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިންގެ އިތުރުން މަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓުން ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ގުޅިފަޅުގައި ގާއިމްކުރެވޭ ޕޯޓްގެ މަޝްރޫއުގެ މައްސަލަ ދިރާސާ ކުރުމަށް ނިންމީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާތީ އެކިފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން ދިއުމުގެ ސަބަބުންނެވެ.

މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ވަނީ މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އެގޮތުން، ކައިރިގައިވާ ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. މަޝްރޫއުގެ އަސަރު ވިލިމާލޭ ފަރު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ކުރާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ފަރާތްތަކުން ބުނެއެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއާ ގުޅިގެން، އެ މަޝްރޫއުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ އެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައެވެ. ނަމަވެސް، ތިމާވެށި ކޮމިޓީއިން އެ މައްސަލަ ބަލަން ނިންމާފައި ވަނީ ކޮމިޓީގެ އިސްނެގުމުގެ މަތިން އެޖެންޑާ ކުރާ މައްސަލައެއްގެ ގޮތުގައެވެ. އެގޮތުން މި މަހުގެ އެއް ވަނަ ދުވަހު އެ މައްސަލަ ބަލަން ނިންމާފައި ވަނީ އެ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

ގުޅީފަޅު މަޝްރޫއާ ގުޅިގެން އެސަރަޙައްދުގެ ފަރުތަކުގެ މުރަކަތަކަށް ގެއްލުންވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު ނަޝީދު އުފެއްދެވި، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ވަނީ ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަން ފެންނަ އިސްލާހުތައް ބަޔާންކޮށްފައެވެ.

މީގެ ކުރިން މި މަޝްރޫޢާއި ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމަށް އިރުޝާދެއް ދެއްވާފައެވެ. މިނިސްޓްރީން ނަޢީމަށް ދިން އިރުޝާދަކީ ގުޅީފަޅު މަޝްރޫއާ ގުޅޭ މައުލޫމާތުތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އާންމު ކުރަމުން ގެންދިއުމަށެވެ. އެގޮތުން ޕްރޮޖެކްޓު ކުރިއަށްދާއިރު ހަދަން ޖެހޭ މޮނިޓަރިން ރިޕޯޓު ހަދައި ކޮންސަލްޓެންޓުން ހޯދާ ޑޭޓާ އާންމުކުރުމަށާއި، ޕްރޮޖެކްޓުގެ ސައިޓަށް ގޮސް ހިއްކާ އިރު ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ފިޔަވަޅުތައް އަޅާތޯ މޮނިޓަރކޮށް، އެކަމުގެ މައުލޫމާތުވެސް އާންމު ކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

އެކަމާ ގުޅިގެން މަޝްރޫޢު ކުރިއަށްދާއިރު، ހަދަން ޖެހޭ މޮނިޓަރިން ރިޕޯޓުތައް މިހާރު އީޕީއޭއިން ދަނީ އާންމު ކުރަމުންނެވެ. އަދި ކަނޑަށް ފޭދިގެންދާ ވެއްޔާއި ކިސަޑު ދާ ގޮތް ބަލައި، އެކަން މޮނިޓާކޮށް، އެކަމުގެ މައުލޫމާތު މިހާރު ވަނީ އާންމު ކުރަން ފަށާފައެވެ.

ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމަށް އެފަޅުން ބޮޑު ބައެއް ހިއްކަން ފަށާފައި ވަނީ މި މަހުގެ ތެރޭގައެވެ. އެ ފަޅު ހިއްކާއިރު ކަނޑަށް ފޭދިގެންދާ ވެލީގެ ސަބަބުން އެސަރަހައްދުގެ ފަރުތަކާއި މުރަކަތައް މަރުވެދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުުން ފާޅު ކުރަމުންނެވެ. އެގޮތުން ގުޅީފަޅުގެ ބޭރުގައި އޮންނަ ހިމާޔަތްކޮށްފައިވާ ހާންސް ހެސް ޕޮއިންޓު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ގެއްލުންވާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެސް ބުނަމުން ދެއެވެ. އޭގެ އިތުރުން މަޝްރޫއަށް ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެ ސަރަހައްދުން އެން ލިބުން ދަތިވާނެކަމުގެ ކަންބޮޑުވުން މަސްވެރިންވެސް ފާޅު ކުރިއެވެ. އަދި ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުގެ ސަބަބުން ބޯޓުފަހަރަށް އެތަނުގައި ނަގިލި އަޅަން ދަތިވާނެ ކަމުގެ ކަންބޮޑުވުން ޝިޕް އޮޕަރޭޓަރުން ފާޅު ކުރިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2010 ވަނަ އަހަރުއެވެ. އެ ފިޔަވަހީގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރުގެ ބިން ގުޅިފަޅުން ވަނީ ހިއްކާފައެވެ. މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ.

ބިން ހިއްކުމާއި ފަޅުކޮނުމާއި ބަނދަރު ހެދުމާއި ބްރިޖު އެޅުން ފަދަ ތަރައްގީގެ މަސައްކަތްތަކަކީ ރައްޔިތުން ބޭނުންވާ ތަރައްގީއާއި ގުޅިފައިވާ ކަންކަން ކަމަށްވާތީ މިހާރު ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެ ވަޢުދު ތަކުގެ ތެރޭގައި އެންމެ އިސްކަން ދެއްވަނީ މިފަދަ ބިޔަ މަޝްރޫޢު ތަކަށެވެ. އެހެން ނަމަވެސް އެބޭފުޅުން ވެކަމަށް ވަޑައިގެން މި ފަދަ މަސައްކަތްތައް ފަށާއިރަށް ތިމާވެށްޓާމެދު އަޑު އުފުލާ ފަރާތްތަކުގެ އަޑުގަދަވެ ބޮޑެތި މައްސަލަތައް ކުރިމަތި ކުރުވަމުންދާއިރު، ލީޑަރުން އެވާހަކަ ދައްކަވާއިރު އެފަދަ ފަރާތްތަކުން އެކަމާ ދެކޮޅަށް އަޑު ނޫފުލަނީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން