ރަސްމާދޫ ބަނދަރު ހަލާކުވެފައި
ރަސްމާދޫ ބަނދަރު ހަލާކުވެފައި
ރ. ރަސްމާދޫ ބަނދަރަށް ވަދެ ނުކުތުމުގައި ވަރަށްބޮޑަށް ދަތިވެފައިވާއިރު، ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބިލާހަކަށް ވެފައިވާ ކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ފާޅުކޮށްފިއެވެ.

ރަސްމާދޫން، "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވެފައި ވަނީ، ރަށު ބަނދަރުގެ ބޭރު ތޮށި ވެއްޓިފައި ވުމުގެ ސަބަބުން ބަނދަރުގެ ބޭނުން މިހާރު އެއްގޮތަކަށްވެސް ނުކުރެވޭ ކަމަށެވެ. އެގޮތުން ބަނދަރު ތެރޭގައި ރާޅު ބޮޑުވެ، ހުޅަނގު މޫސުމުގެ ވިއްސާރައިގައި އުޅަނދުފަހަރުގެ އޮޑިވެރިން ތިބެން ޖެހެނީ ނުނިދާ ހޭލާކަމަށް އެ ފަރާތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ރ. ރަސްމާދޫ ބަނދަރަކީ 10 ޑިސެމްބަރ 2019 ގައި، ބަނދަރު އަޕްގްރޭޑް ކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ބަނދަރެކެވެ. ދިވެހި ސަރުކާރާއި އެމްޓީސީސީއާ ދެމެދު އެއްބަސްވެފައިވަނީ، އެގްރީމެންޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަސް ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށެވެ. ނަމަވެސް މިއަދާ ހަމައަށް ހަމަސް ދުވަސް ފާއިތުވެ ގޮސްފައިވާއިރު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފަށާފައި ނުވާކަމަށް ރަސްމާދޫން މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވެއެވެ.

ބޭރުތޮށި ވެއްޓިފައިވާތީ ބަނދަރުގައި އެއްވެސް ނިވައިކަމެއް މިހާރު ނެތްކަމަށާއި، ޑިންގީފަހަރުގެ ވައުތައް ކަނޑައިގެން ގޮސް، އެއް އުޅަނދު މައްޗަށް އަނެއް އުޅަނދު ލައްވުން ފަދަ ޙާދިސާތައް ކުރިމަތިވަމުން ދާކަމަށް އެރަށުން މަޢުލޫމާތު ދެއްވައެވެ.

"މިއީ މިހާރު ބަނދަރެއް ނޫން. މިތަން މާކަނޑެކޭ އެއްވަރު. އަރާ ފޭބުމަށް އެހާމެ އުނދަގޫ. ބަލިމީހުން ލޯންޗްތަކަށް އެރުވުން އެހާމެ ބިރުވެރި." ރަސްމާދޫ ރައްޔިތަކު ވިދާޅުވިއެވެ.ބޭރުތޮށި ވެއްޓުމުގެ އިތުރުން، އެރަށުގެ ނެރު ތިލަވެ، އާދައިގެ މުދާއުފުލާ ބޯޓު ފަހަރަށްވެސް ފަޅަށް ނުވަދެވުމުގެ ދަތިކަން އެރަށުގެ ރައްޔިތުން މިހާރު ދަނީ ތަޙައްމަލް ކުރަމުންނެވެ. އެކަމާގުޅިގެން ރަސްމާދޫއަށް މުދާ އުފުލައިދިނުމަށް މާލެ ދަތުރުކުރާ ބޯޓުފަހަރުން ދެކޮޅުހަދަމުންދާ ކަމަށާއި، ކަނޑުގަދަ ދުވަސްވަރެއްނަމަ އެރަށަށް މުދާ ގެނައުމުގެ ފުރުސަތެއް ނޯންނަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

"ނެރަށް ފަސްއަރާ ތިލަވުމުގެ ސަބަބުން، ގިނަ ފަހަރަށް ރަސްމާދޫއަށް ގެންނަ މުދާ ބޯޓުފަހަރުން މި ބާލަނީ މާކުރަތު ޖެޓީއަށް. އެހެންނޫނީ އިންނަމާދޫ ޖެޓީއަށް މުދާ ބާލާފަ ބޯޓު ދަނީ. ދެން ރައްޔިތުން މި ޖެހެނީ ބޮޑު ޚަރަދުކޮށްފަ ކުޑަ ދޯންޏެއް ކުއްޔަށް ނަގައިގެން އަނެއްކާ މުދާބަލާ އެރަށްރަށަށް ދާން. ގިނަ ފަހަރަށް އެހެން ދާއިރުވެސް މުދަލުގެ ރައްކާތެރިކަން ކަށަވަރެއް ނުވޭ. މުދާ ގެއްލުމުގެ މައްސަލަތައްވެސް އެބަ ކުރިމަތިވޭ."

"ރަސް އޮންލައިން" އަށް މަޢުލޫމާތު ޙިއްސާކުރި ފަރާތުން ވިދާޅުވެފައިވަނީ، ރ. އަތޮޅުގެ އެހެން ރަށްރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ހަދާ ނިމިފައިވާ ކަމަށާއި، އަދި ބައެއް ރަށްރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރަމުން ގެންދާ ކަމެކެވެ. ނަމަވެސް އަތޮޅުގެ އެހެން ރަށްރަށަށް ކުރިއެރުން ލިބެމުން ދާއިރު ރަސްމާދޫ އަށް ކުރިއެރުން ނުލިބޭ މައްސަލާގައި އެ ރަށުގެ ރައްޔިތުންވަނީ ވަރަށް ކަންބޮޑުވެފައެވެ.ރަނގަޅު ބަނދަރެއް ނެތުމުގެ އިތުރުން ރަށްގިރުމުގެ މައްސަލައަކީވެސް ރަސްމާދު އަށް މިހާރު ކުރިމަތިވެފައިވާ ތިމާވެށީގެ ވަރަށްބޮޑު މައްސަލައެކެވެ. މިކަމުގައިވެސް މިއަދާ ހަމައަށް އެކަށީގެންވާ ޙައްލެއް ލިބިފައި ނުވާއިރު، ރަސްމާދޫ ރައްޔިތުން އެދެނީ ވީ އެންމެ އަވަހަކަށް މަސައްކަތްފަށައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކްލީފްތަކުން މިންޖުވާނެ މަގެއް އަވަހަށް ތަނަވަސްވެގެން ދިއުމެވެ. އަތޮޅުގެ އެހެން ރަށްރަށެކޭ އެއްގޮތަށް އެރަށުގެ ރައްޔިތުންނަށް ޙައްޤުވާ މިންވަރު އެ ރައްޔިތުންނަށް ލިބިގެން ދިއުމަކީ އެ ރައްޔިތުންގެ ބޮދު އުއްމީދެއް ކަމަށް ރަށުގެ ރައްޔިތުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


21

އިބްރާހިމްބެ

06-Jun-2020

ރަސްމާދޫގެ ކައުންސިލްގެ މެންޑޭޓްގައި އޮންނަނީ އެންމެކަމެއް! ބޮޑު އީދުގައި ކުޅިވަރުކުޅުންެއެކަނި! ރަށަށް ތަރައްގީ އަންނާނީ ހޮވާފަ ތިބި ކައުންސިލަރުންގެ ވިސްނުމާއި ފިކުރު ތަރައްގީ ވެގެން! މިހާރު ކޮންމެ މީހަކުވެސް އުޅެނީ އަމިއްލަ ކަންކަމައިގެން!


23

ނާޝިދު

03-Jun-2020

ތި އީ ވީ އެންމެ އަވަހަކަށް ފަށަންވެފައިވާ ވވވވ މުހިންމު މަސައްކަތެއް.ޓްރެންޑިން