ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ބުނެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ހިންގާ އެއްވެސް މުބާރާތެއްގައި އެ ކުލަބު ބައިވެރިނުކުރުމަށް އެފްއޭއެމުން ނިންމުމުން ގިނަ ބައެއްގެ ހިތުގައި ވަނީ އެފްއޭއެމް ގެ ނިޔަތާއި މެދު ސުވާލު އުފެދިފައެވެ. އޭއެފްސީ އޮތީ ރާއްޖޭގައި ނުލާ ހުދުގެ ޓީމެއް އުފަންވޭތޯ ފާރަލައި ބަލަންތޯ ވެސް މިހާރު ސުވާލު އުފެދެއެވެ. ނުލާ ހުދުގެ ޓީމެއް އުފަންވެ އަދި ފިރުކެންވެސް ނުފަށަނީސް ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާއިން

އެޓީމަށް އަދަބުދޭން އެންގުމަކީ އެމީހުން އެކަމަށް ފާރަވެރިވެ ތިބެގެން ނޫނީ ހަމަގައިމުވެސް ނުވާނެ ކަމެކެވެ.

ރާއްޖޭގައި އަލަށް ރެޖިސްޓްރީކޮށް އަދި ދަނޑަށްވެސް ނާރާ ކުލަބަކަށް އަދަބުދޭން އޭއެފްސީން ނިންމިކަން އެފްއޭއެމުން އަންގާފައިވަނީ ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު އެފްއޭއެމުން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމަކީ ރޭޑިއަންޓް ސްޕޯޓްސް ކްލަބު އެފްއޭމްގައި ރަޖިސްޓްރީކުރުން ލަސްވުމާއި ގުޅިގެން ރޭޑިއަންޓުން އެދިގެން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި އެފްއޭއެމްގެ ފަރާތުން ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒާއި ލައިސަންސިންގ ޑިޕާޓްމަންޓް އަދި ލީގަލް ޑިޕާޓްމަންޓްގެ އިސް ބޭފުޅުން ބައިވެރިވިއެވެ. މީގެއިތުރުން ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހިންގުންތެރިންވެސް ބައިވެރިވިއެވެ.

މިބައްދަލުވުމުގައި ރޭޑިއަންޓްގެ ވެރިން ފުރަތަމަ ފާހަގަކުރީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުކަން ހޯދުމަށް ހުށަހަޅާފައިވާއިރު އެކަން ލަސްވަމުންދާ މައްސަލައެވެ. އެގޮތުން 21 ވަރަކަށް ދުވަސްވީއިރުވެސް އެކަމަށް ޖަވާބެއް ނުލިބޭކަން ވަނީ ފާހަގަކޮށްފައެވެ.

"ކްލަބް ރަޖިސްޓްރީކޮށްގެން މިހާހިސާބަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އެކަމަކު އެންމެ ބޮޑު ދައްޗަކީ މިހާހިސާބަށް އައިރުގައި ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެފްއޭއެމުން ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ނެތް މިންވަރު ޔަގީންނުވުން. އެފްއޭއެމަށް ހުށަހަޅާފައިވާ ހުށަހެޅުމާއިމެދު ޖަވާބު ދިނުމަށް އާއްމު އުސޫލަށްވުރެ ލަސްވުން." ރޭޑިއަންޓްގެ މީޑިއާ ސްޓްރޭޓިޖިސްޓް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ ރޭޑިއަންޓް ރަޖިސްޓަރީކުރުން ލަސްވެގެން އުޅެނީ އޭއެފްސީން އެކަން މަޑުޖައްސާލަން އެންގުމުން ކަމަށެވެ.

"ރޭޑިއަންޓް ސްޕޯޓްސް ކްލަބު ނަމަކަށް ކިޔާ ކްލަބެއް ރާއްޖޭގެ ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާކަމަށް މައުލޫމާތު ލިބިގެން އޭއެފްސީން އެފްއޭއެމަށް އެކަން ސާފުކުރަން ހުށަހެޅީ. އޭއެފްސީން ސާފުކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުއްޓޭ. އަޅުގަނޑުމެން އޭއެފްސީއަށް ދެންނެވިން ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެފްއޭއެމާ ރަސްމީކޮށް ގުޅުމެއް ނެތޭ." ބައްދަލުވުމުގައި ޖަވާޒު ވިދާޅުވިއެވެެ.

ޖަވާޒު ވިދާޅުވީ ރޭޑިއަންޓް އެފްއޭމްގައި ރަޖިސްޓްރީކުރުން މަޑުޖައްސާލަން ނިންމުމަކީ އެފްއޭމްގެ ނިންމުމެއް ނޫންކަމަށާއި، އެއީ އޭއެފްސީގެ ނިންމުމެއްކަމަށެވެ. އަދި އޭއެފްސީން އެގޮތަށް ނިންމީ، ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ، ފުޓްބޯޅަ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ "ސަކްސެސާ" ނުވަތަ ހަމަ އެކްލަބްކަމަށް ބަލާނެ ޝަރުތުތައް ފުރިހަމަވާތީކަމަށް މި ބައްދަލުވުމުގައި އެފްއޭއެމުން ފާހަގަކުރިއެވެ.

އެހެންކަމުން ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގުޅޭ ބައެއް ނޫންކަން ބަޔާންކޮށްދީ، ލިޔުމުން އެކަން ހުށަހެޅުމަށް އެފްއޭއެމުން ވަނީ އެދިފައެވެ.

ނަމަވެސް ރޭޑިއަންޓްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވި މަސްއޫލުވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔައީ ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގުޅުމެއް އޮތް ބައެއް ނޫންކަމަށެވެ. އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މަސްއޫލުވެރިންނަކީ ކޮބައިކަން ސިވިލް ކޯޓުން ހާމަކޮށްފައިވާކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

ރޭޑިއަންޓްއަކީ ނިއުރޭޑިއަންޓް ކަމަށް އެފްއޭއެމުން ބުނާއިރު، ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވަނީ ގާނޫނީގޮތުން އުފައްދާފައިވާ ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައެވެ. އަދި އެކްލަބުން ވަނީ ޓީމަށް ކުޅުންތެރިންނާއި އޮފިޝަލުންވެސް ހޯދާފައެވެ. މިކަންކަމަށް މިހާތަނަށް މިލިއަނަކާއި ގާތްކުރާ އަދަދަކަށް އެ ކްލަބްގެ މަސްއޫލުވެރިން ވަނީ ހަރަދުކޮށްފައެވެ.

އެފްއޭމްގެ މި ނިންމުމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އަދި އެފްއޭމްގެ އަމަލުތައް ހުންނަގޮތުން ނިއުރޭޑިއަންޓް އުވިގެން ދިޔުމަކީ ނުވަތަ އުވާލުމަކީވެސް އެފްއޭމްގެ އެއްމެ މުހިއްމު ލަނޑުދަނޑިކަމަށްވެސް ސިފަ ވެގެންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މީގެއިތުރުން މިހާރުގެ އެފްއޭމްގައި ތިބި އިސްވެރިން ތިބެގެން ދިވެހި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި އަލާކޮށް، ދިރުވޭނެ އެއްވެސް އަލިމަގެއް އޮތްކަމަށް ނުފެންނަ ކަމަށްވެސް ދިވެހި ފުޓްބޯޅައަށް ސަޕޯޓްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ގިނަ ބަޔަކު އަދިވެސް ކުރަމުންދާ ސުވާލަކީ ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަ ނިއުރޭޑިއަންޓް ނުވަތަ ނުލާ ހުދުގައި އަލަށް ނުކުތް ރޭޑިއަންޓަށް ދިވެހި ފުޓްބޯޅައިން ޖާގަ ނުދޭން މިއުޅޭ ސަބަބާއި މެދު އުފެދޭ ސުވާލެވެ.

ނުލާ ހުދުގެ ސަޕޯޓަރުން ތުހުމަތުކުރަނީ މިއީ އެފްއޭއެމް އަޑީގައި އޮވެގެން ރާވައިގެން ގަސްދުގައި ދިވެހި ރާއްޖޭގެ ކުޅިވަރަށް ދެމުން ގެންދާ ބޮޑު ގެއްލުމެއްގެ ގޮތުގައެެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "ރަސް އޮންލައިން" އާއި ވާހަކަ ދެއްކި ރާއްޖޭގެ ކުޅިވަރަށް ލޯބިކުރާ ސަޕޯޓަރަކު ބުނީ އެފްއޭއެމުން ޒާތީ ވިސްނުން ދޫކޮށް އެ އެސޯސިއޭޝަންގެ އަސާސްތަކަށް ފުރިހަމައަށް ތަބާވެ ދިވެހި ފުޓުބޯޅަ ކުރިއަރުވަން މަސަައްކަތް ކުރާ ތަނަކަށް ވާންޖެހޭ ކަމަށާއި، އެހެން ނަމަވެސް އެ މަންޒަރު މިހާރު ނުފެންނަ ކަމަށެވެ.

"އަޅުގަނޑަކީ ވެލެންސިޔާގެ ސަޕޯޓަރެއް. އެކަމަކު ނިއުރޭޑިއަންޓްވެސް ވިކްޓްރީ ވެސް ގެއްލިގެންދާކަން ނޭދެން، އެ ދެ ކުލަބު ނުލާ ކިހެނެއް ކުޅިވަރުގެ ޖޯޝާ ފޯރި ގެންނާނީ، އަސްލު ސަރުކާރުން ވެސް އެބަޖެހޭ ނިއު އާ ވިކްޓްރީ އެހާލަތުން އަރައިގަންނަން އެހީވާން. މިއީ އަޅުގަނޑުގެ ވިސްނުން. ،ކުޅިވަރަށް ލޯބިކުރާ މީހަކަށް ވާތީ މިގޮތަށް ވާހަކަ މި ދެއްކެނީ،" ކުޅިވަރަށް ލޯބި ކުރާ އެ ސަޕޯޓަރުގެ ޚިޔާލު ހިއްސާކުރިއެެވެ.

ރަސް އޮންލައިން އާއި ވާހަކަ ދެއްކި އެހެން ސަޕޯޓަރަކު ބުނީ ދިވެހި ތާރިޚުގައި ރަން އަކުރުން ލިޔެލެވޭ ފަދަ ކާމިޔާބުތަކެއް ހޯދި ވަރުގަދަ ތާރިޚެއް އޮތް ނިއު ރޭޑިއަންޓް އާއި ވިކްޓްރީ ވެސް ކުޅިވަރުގެ މައިދާނުން ގެއްލުވާލީ އެފްއޭއެމް އަޑީގައި އޮވެގެން ކަމަށެވެ. ދެން އެ ހާލަތަށް ދާނީ ވެލެންސިޔާ ކަމަށާއި ފުޓުބޯޅައިގެ ވާހަކަ ދައްކަން އެފްއޭއެމްގެ ވެރިން ލަދުގަންނަންޖެހޭ ކަމަށް އޭނާ ބުންޏެެެވެ.

"މިހާރު ނުލާ ހުދުގެ ސަޕޯޓަރުން، ނިއު ރޭޑިއަންޓް ނެތުމުގެ ފަޅުކަން ކުޅިވަރު ދަނޑުތަކުން ފެންނާތީ ރޭޑިއަންޓް ނަމުގައި ކުލަބެއް ހަދައިގެން ނިކުތީމަ އެކުލަބުވެސް ކަސްތޮޅު އެ އެޅުވީ،" ރޭޑިއަންޓް އެއްވެސް މުބާރާތެއްގައި ނުކުޅެވޭ ގޮތް އެފްއޭއެމުން ހެދުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުން އެ ސަޕޯޓަރު ބުނެފައިވެއެެވެ.

ފުޓުބޯޅަ ކޯޗެއްގެ ގޮތުގައި މިހާރު މަސަައްކަތް ކުރާ ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެފްއޭއެމް ވާންޖެހޭނީ ކުރިއަށް ދާން ބޭނުންވާ ކުލަބުތަކަށް މަގުކޮށައިދޭ ބަޔަކަށް ކަމަށާއި "ކަސްތޮޅު" އަޅުވާ ބަޔަކަށް ނޫން ކަމަށެވެ. ކުލަބުތައް ނުވަތަ ޓީިމުތަށް ކަސްތޮޅު އަޅުވާ ބަޔަކަށް އެފްއޭއެމްވުމުން ދެން ރާއްޖޭގެ ފުޓުބޯޅަ ކުރިއަރާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

"މިހާރު އެފްއޭއެމް ސިފަވެގެންމިދަނީ އަމިއްލަ ޖީބަށް ފައިދާ ވާގޮތަށް މަސައްކަތްކުރާ ރިސޯޓެއްގެ ގޮތަށް، ކީއްވެތޯ ނިއު އާއި ވިކްޓްރީ ދަނޑަށް ނެރެވޭނެ ގޮތްތަކެއް ހޯދައިދޭން އެފްއޭއެމަށް އެއްވެސް ކަމެއް ކޮށް ނުދެވޭންވީ. ވެލެންސިޔާ ވެސް ހިމެނޭގޮތަށް މި ކްލަބު ނެތި ގޮސްފިނަމަ ދިވެހި ފުޓުބޯޅައިގެ ވާހަކަ ދައްކަނީ ދެން ކޮންބައެއްތޯ؟ މިއީ ވިސްނާލަންޖެހޭ ކަމެއް،" ކޯޗު ބުންޏެވެ.

ކުރިން ވާހަަކަ ދެއްކި ކޯޗު އިތުރަށް ބުނީ ނިއު، ވިކްޓްރީ އާއި ވެލެންސިޔާ ފަދަ ޓީމްތައް ނެތި ދިވެހި ފުޓުބޯޅައަށް ދިރުމެއް ނާންނާނެ ކަމަށާއި އެކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ.

"ދެން ޖޯޝާއި ފޯރިއާ އެކީގައި ކުލަބެއް ހަދައިގެން ކުދިބަޔަކު ނިކުތީމަ ހިތްވަރު ދިނުމުގެ ބަދަލުގައި އެފްއޭއެމް އިދިކޮޅަށް ކުޅުމަކީ ދިވެހި ކުޅިވަރަށް ކުރާ ޖެއްސުމެއް ނޫންތޯ؟" ކޯޗުގެ ޝުއޫރު ފާޅުކުރާމަމުން ބުންޏެވެ.

ނިއު ރޭޑިއަންޓަށް މަރުދޭ ނުލާ ހުދުގެ ސަޕޯޓަރުން އިސްނަގައިގެން ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ނަމުގައި ކުލަބެއް އުފެއްދީ މިދިޔަ މާރޗް މަހުގެ އެއްވަނަ ދުވަހުއެވެ. ރޭޑިއަންޓް ސްޕޯޓްސް ކުލަބް ރަޖިސްޓްރީ ކުރުމާއެކު ބާރު ސްޕީޑްގައި އެކުލަބްގެ ހިންގާ ކޮމެޓީ އެކުލަވާލިއެެވެ.

އެއާއެކު ރޭޑިއަންޓްގެ ޓީމަށް ކުޅުންތެރިން ހޯދައި ޓީމު އެކުލަވާލުމުގެ މަސައްކަތް ފެށިއެވެ. އަދި އެ ކުލަބުން ވަނީ ތިން ވަނަ ޑިވިޝަންގައި ވާދަކުރުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ފަށާފައެވެ.

އެގޮތުން ކުޅުންތެރިންނާއި އޮފިޝަލުން ނެގުމުގެ މަސައްކަތް ވެސް ފަށާފައިވާއިރު، އެ ކުލަބުގެ ކޯޗަކަށް ނިއުގެ ލެޖެންޑް މުޙައްމަދު ޞަބާހު (ސޮބާ) ވަނީ ހަމަޖައްސާފައެެވެ. އަދި ނިއުރޭޑިއަންޓްގެ ކުރީގެ ކެޕްޓަން އަހުމަދު މުޙައްމަދު (އައްމަޑޭ) ވަނީ ކުޅުންތެރިއެއްގެ ގޮތުގައާއި އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހަމަޖެއްސިއެެވެ.

ރޭޑިއަންޓަށް ރާއްޖެއިން ބޭރުން ބިދޭސީ ކުޅުންތެރިއެއް ގެނައުމުގެ މަސައްކަތް ފެށީ އުއްމީދާ އެކުއެެވެ. ކުޑައްޓޭ ފަދަ ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ވެސް ރޭޑިއަންޓަށް ގުޅުން ވެގެންދިޔައީ އެޓީމަށް ލިބުނު ދިރުމަކަށެވެ. އެކަން ވެގެންދިޔައީ ނުލާ ހުދުގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ.

ދަތި އުދަނގޫތަކާއި ގޮންޖެހުންތަކާއި އެކު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރޭޑިއަންޓް ކުލަބު ހަމަ އިސްކޮޅަށް ދެމިލުމަކީ ބަޔަކަށް ބަލަން އެހާ ފަސޭހަ މަންޒަރަކަށް ނުވިއެެވެ. އެކަން ބަލާކަން އެފްއޭއެމަކަށްވެސް ކެތެއް ނުކުރެވުނެވެ.

އެންމެ ފަހުން ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ނިއްމައި އެފްއޭއެމުން ހިންގާ އެއްވެސް މުބާރާތެއްގައި އެ ކުލަބު ބައިވެރި ނުކުރުމަށް ވެސް ނިއްމީއެެވެ. ބަހަނާ އަކަށް ދެއްކީ އޭއެފްސީއެެވެ. އަދި މިއީ ސަރަހައްދީ ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، އޭއެފްސީން ނިންމާފައިވާ ނިންމުމެއްކަން އަންގައި އެފްއޭއެމުން އެކުލަބުގެ ހައްގަށް އަރައިގަތީއެެވެ.

ރޭޑިއަންޓް ހިންގާ ކޮމެޓީގެ މެމްބަރު އަދި ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން ވިދާޅުވީ، ރޭޑިއަންޓް ސްޕޯޓްސް ކުލަބު ވުޖޫދަށް ގެނަައުމަށް ފަސް ލަައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފަައިވާ ކަމަށެވެ. މިއީ ރޭޑިއަންޓް ކުލަބަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އޭގެ ބަދަލު ދޭނީ ކޮން ފަރާތަކުންތޯ މުބީން ވަނީ ސުވާލު ކުރައްވާފައެވެެ.

"ރޭޑިއަންޓެއް ރަޖިސްޓްރީ ވެގެން މިހާ ހިސާބަށް އައިސް ގާތްގަނޑަކަށް 22 ކުޅުންތެރިންގެ އެގްރިމެންޓް ހަދަައި އެކުދިންނަށް މިސާލަކަށް 60000 ރުފިޔާ ދޭންޖެހެންޏާއި އޭގެ ހާފް ޕޭމަންޓް ހަދައި އެތައް ކަމެއް ކުރިކަން އެފްއޭއެމަށް އެގޭނެ، އަޅުގަނޑުގެ ޕޮައިންޓަކީ ކީއްވެގެންތޯއޭ ފުރަތަމަ ރޭޑިއަންޓް ހިފަައިގެން ގޮސް ގާނޫނީ ޝަހުޝަކަށް ވެގެން އައިއިރު މިކަން ނުވެ މިއޮތީ. މިއުޅެނީ ކުޅިވަރު ކުޅެން، ހިފައިގަންނާކަށް ނޫން،." މުބީން ވިދާޅުވިއެެވެ.

ބޮޑު އުންމީދަކާއެކު ރޭޑިއަންޓުން ދިވެހި ފުޓުބޯޅައިގެ އެންމެ އުހަށް ދަތުރުކުރުމަށް ކުރަމުން އައި މަސައްކަތަށް އެފްއޭއެމްގެ ސަބަބުން މިވަގުތު ހުރަސް އެޅުނު ނަމަވެސް ނުލާ ހުދުގެ ސަޕޯޓަރުން ދެނީ، ހަތިޔާރު ބަހައްޓާފައި އަމާން ނުދޭނެ ކަމުގެ ޔަގީންކަމެވެެ. ނުލާ ހުދުގެ ވަރުގަދަ ލަޝްކަރު އޮތީ އެންމެ ތަންފުކެއްވެސް މިފަހަރު ހަމަ ހިލާ ދޫކުރާގޮތަކަށް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


-13

ހުސެން

21-Apr-2022

އަޅުގަޑަކީ ވިކްޓަރީ ކުލަބްގެ ސަޕޯޓަރެއް އެކަމު ނިއުރޭޑިއަންޓައް ކުޅިވަރައިގެން ކުރިޔައްދެވޭނެ މަގު ބަންދުކުރުމީ ރާއްޖޭގެ ކުޅިވަރައްދެވޭ ބޮޑު އަނިޔާ އެއް


-1

ބަކުރުބެ

21-Apr-2022

ވަރައް ފުރިހަމަ ލިޔުމެއް



ޓްރެންޑިން