(އަށްވަނަ ބައި)

"މިއީ ދަރިފުޅުގެ ގެ... މިއީ ދަރިފުޅުގެ މަންމައާއި ބައްޕަގެ ގެ... އިރުކޮޅަކުން ދަރިފުޅުގެ މަންމަ އަންނާނެ.. ދަރިފުޅުގެ ބައްޕަ މިހާރުވީތަނެއް މާމައަކަށް ނޭގޭ... ދެން މާމަ ދަނީ..." މިހެން ބުނެފައި ހަލީމާ ހިގައިގަތީ ދޮރޯށްޓާއި ދިމާއަށެވެ. ހަލީމާ ދޮރާށިން ނިކުމެގެން ދިޔައިރު އެދިމާއަށް ބަލަހައްޓައިގެން ނަޖުދާ ހުއްޓެވެ.

"ކަންނެތް ގަނޑު... ނިދަނީ ދޯ... ކަލެއަށް ހަމަ ސާބަސް.. އަދި ކިރިޔާ އެ އޮއްސުނީ އިރު،،، އަދި މީހަކު ނިދިއައިސްގެން މީހަކު ހަލާކުވާވަރު ވެއްޖެތަ؟.. މިއަދު މާމޮޅު ކަމެއް ކޮއްލެވުނީމަ ވަރަށް އުފަލުން ތިޔައޮތީ ދޯ!... އެހެރަ ގިފިއްޔަށް ވަދެ ގައިން ތާހިރުވެގެން ނިކުމޭ..."

ނަޖުދާއަށް ހޭލެވުނީ ވަދީފާ އެތިވަރުގޮވާ އަޑަށެވެ. ކަންތައް ވީ ނަޖުދާ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ނަޖުދާ ހީކުރީ މާމަ ދެންމެ ބުނި ފަދައިން އޭނާގެ ކުރިމަތީގައި މިހާރު ހުންނާނީ އޭނާގެ މަންމަ ކަމަށެވެ. ނަމަވެސް ލޯހުޅުވާލިއިރު ކުރިމަތީގައި ފެންނަން ހުރީ ވަދީފައެވެ. ރުޅިއައިސް ދެބުމަގޮއްޖަހައިގެންނެވެ. މޫނު ކުނިކޮށްގެންނެވެ.

ދެންމެ ނަޖުދާއަށް އެފެނުނީ ހުވަފެނެކެވެ. އެކަމަކު އޭނާއަށްއެކަން ގަބޫލުކުރަން އުދަގޫވީއެވެ. ދެންމެ ހުވަފެނުގައި އެފެނުނީ ނަޖުދާ އަބަދުވެސް އުއްމީދު ކުރާ ގޮތެވެ. އޭނާ ދެކެން ބޭނުން ހަގީގީ ހުވަފެނެވެ. ނަމަވެސް އެދުވަސް ދުވަހަކުވެސް ނަޖުދާއަށް ފެންނާނެ ބާވައެވެ؟

ވަދީފާ އެތިވަރު ގޮވާނެ ވަރަކަށް ގޮވުންދެން ނަޖުދާ އޮތެވެ. ޗުއްޕުވެސް ނުބުނެ އެވެ. ވަދީފާ ހިތް ފުރޭ ވަރުވުމުން ހުއްޓާލާފައި ގޮސް ވަނީ ބަދިގެއަށެވެ. ނަޖުދާ ބިރުން ހުރެ ވަދީފާގެ އަމުރަށް ކިޔަމަން ވުމުގެގޮތުން ޖޯލިން ތެދުވެގެން ހިގައިގަތެވެ. އޭނާ އެދަނީ ވަދީފާ ބުނި ގޮތަށް ކަންތައް ކުރާށެވެ. ފެންވަރައި ގައިން ތާހިރުވާށެވެ.

ނަޖުދާ ގޮސް ވަނީ އޭނާގެ އަންނައުނު ކޮތަޅު މާމަބެހެއްޓި ތަނަށެވެ. އެއިން ތުވާއްޔާއި ސައިބޯންޏާއި ތެއުފުޅި ނެގުމަށެވެ. އަދި ފެންވަރައިގެން ލާނެ ހެދުމެއް ހޯދުމަށެވެ.

"ކާކު މިއުޅެނީ؟.. ނަޖުދާތަ؟... މިތާގަ ކީއްކުރަނީ!.."

ނަޖުދާ ސިހިގެންގޮސް ފަހަތްބަލައިލިއިރު ދޮރުމަތީގައި ހުރީ މުފީމެވެ. އޭރު މުފީދުގެ ފަހަތުން ޒަހާވެސް އާދެއެވެ.

"ނަޖުދާގެ އެއްޗެހި ބެހެއްޓީ ތިޔަ ތާގަތަ؟.. ކާކު ބުނީ ތިޔަތާ ބަހައްޓާށޭ!.. ހިނގާ!.. ތިޔަ ކޮތަޅު ހިފައިގެން ގޭތެރެއަށް ހިނގާ..."

ނަޖުދާ އަގައިން ނުބުނުމުން މުފީދު އަނެއްކާވެސް ވާހަކަދެއްކިއެވެ. މިފަހަރުވެސް ނަޖުދާގެ ކުރިމަތީގައި ވަނީ މަޖުބޫރެވެ. މުފީދުގެ ބަހައް އޭނާ ތަބާވާން ޖެހޭނެއެވެ. މުފީދު ބުނާގޮތް ހަދަން އޭނާއަށް މަޖުބޫރެވެ.

ވަރަށް ޖެހިލުންވެ ހުރެ ނަޖުދާ އޭނާގެ ސާމާނު އަޅާފައި ހުރި ކޮތަޅު ގަނޑު ހިފައިގެން މުފީދުގެ ބަހަށް އެތަނުން ބޭރަށް ނުކުންނަން ހިގައިގަތެވެ. ނަޖުދާ ހުރީ ވަރަށްބިރުންނެވެ. އަނެއްކާ ވެސް ވަދީފާގެ ހޫނު އެތި ފަހަރެއް އަތުވެދާނެތީ
އެވެ. މުފީދުގެފަހަތުން ހިގާފައިގޮސް ގޭތެރެއަށް ވަން އިރުވެސް އޭނާގެ ކަޅި އެހެން ދިމާއަކަށް ހިންގައިވެސް ނުލައެވެ. ވަދީފާގެ އެ ރުޅިވެރި މޫނު ފެނިދާނެތީ ބިރުންނެވެ. ނަޖުދާ ކިތަންމެ ހަގުވެފައި ވިސްނުން ކޮށި ނަމަވެސް ވަދީފާގެ
ނޭއްގާނީ ކަމާއި ހަސަދަވެރިކަން އޭނާއަށްވެސް ވިސްނެއެވެ. ވަދީފާދެކެ ބިރު ގަނެއެވެ.

"ނަޖުދާ އެއްޗެހި ބަހައްޓާނީ މިތާގަ... ބޭބެ މާދަން ނަޖުދާ އެއްޗެހި އަޅަން ކުޑަ ދަބަހެއްވެސް ދޭނަން.... މިތާގައި ބެހެއްޓީމަ ކޮއްކޮމެންގެ އަތެއްވެސް ނުފޯރާނެ...."

ގޭގެ މައިގެ ތެރޭގައި ހުރި ކުޑަ އަލަމާރިގަނޑެއް ކަހަލަ އެއްޗެއް ނަޖުދާއަށް ދެއްކުމަށް ފަހު މުފީދު ނަޖުދާ އާއި ވާހަކަ ދައްކަމުން ބުންޏެވެ.

"އަހަރެން ނިދާނީ ކޮންތާކުބާ؟...."

މުފީދު އެނބުރި އައިކޮޅަށް ދާން ހިގައި ގަތުމުން ނަޖުދާ ހިތާހިތާ ކިޔައިލިއެވެ. މުފީދު ކައިރީގައި އެވާހަކަ އަހައިލަން ނަޖުދާ އެވަގުތު ހިތައް އެރިއެވެ. ނަމަވެސް އެކަމަށް އިސްނަގާކަށް އޭނާއަކަށް ނުކެރުނެވެ.

ގޭތެރެއަށް މީހަކު ވަދެގެން އަންނަ އަޑު އިވުމާއިއެކު ނަޖުދާގެ ހިތް ތެޅިގަތެވެ. އެމީހަކީ ވަދީފާ ކަމުގައި ހީކޮށެވެ. ނަޖުދާ އަވަސްވެގަތީ ވަދީފާ އަމުރު ކުރި ފަދައިން ފެންވަރަން ދިއުމަށެވެ. އަވަސް އަވަހަށް ތުވާއްޔާއި ހެދުން ކޮތަޅުން ނަގާ އަތައް ލައިގެން ބަދިގެ ފަރާތަށް ނުކުންނަން ހިގައިގަތެވެ.

"ކަލެއަށް ހަމަ ސާބަސް އަދިވެސް ފެންވަރަން ނުދެވެނީ... ކަލެއަށް ކޮންއިރަކުން ތިކަން ވާނީ... މަށަކަށް ހިއެއް ނުވޭ މިއަދު އިރުހުއްޓާ ކަލެއަށް ގައިފެންތިކި ޖެހޭނެހެނެއް... މިއީ ހަމަ ކަންނެތް ފޮޑަރެއް..."

ނަޖުދާ ނުކުންނަތަން ފެނުމުން ވަދީފާ އެތިވަރު ގޮވަން ފެށިއެވެ.

ނަޖުދާއަށް އޭރު ހީވީ ހަމަ ރަގަޅަށެވެ. އޭރު އޭނާއަށް އެއިވުނީ ވަދީފާގެ ފިޔަވަޅުގެ އަޑެވެ. ވަދީފާ އަބަދުވެސް ހީވަނީ ނަޖުދާއަށް އެތިވަރު ގޮވާލާނެ ހަނި ފުރުސަތެއް ވެސް ނުލިބިފައި ހުންނަހެންނެވެ. އޭނާ އަބަދުވެސް ހުންނަނީ އެކަމަށް ތައްޔާރުވެގެންނެވެ. ނަޖުދާ އެގެއަށް ވަނީއްސުރެ އަދިދަނީ ހަމަ އެވަރަކުންނެވެ.

"މުފީދުތަ.. ކޮންއިރަކުތަ އައިސްގެން ތިޔަ އުޅެނީ!..."

ހަލީމާއަށް މުފީދު ފެނުނީ ގޭތެރެއަށް ވަދެގެން އައިސް އޭނާ ގާތަށް ހުއްޓުމުންނެވެ. މުފީދު ހަމަ ފެނުމާއެކު ހަލީމާ ހިނިތުން ވެލާފައި ވާހަކަ ދައްކަން ފެށިއެވެ.

"މިހާރު ދެދުވަހެއް ވެއްޖެ... ކޮންމެ ދުވަހަކު ވެސް ހުންނަނީ މިގެއަށް އަންނަން ކަމަށް.. އެކަމަކު.."

މުފީދަށް އޭނާ ބުނަން އުޅުނު އެއްޗެއް ބުނެވުނީ ވަރަށް އުނދަގުލުންނެވެ. ރަށަށް އައިތާ މިހާ ދުވަސްވިއިރު މައިދައިތަގާތަށް ނާދެވުނީތީ ހަގީގަތުގައިވެސް މުފީދު ވަރަށް ދެރަވިއެވެ. އަދި އެހާމެ ލަދުގަތެވެ.

"ކޮބައިތަ ކުދިވެރިން..... މަންމަ ބަލިކަމުން މިހާރު ހިގާބިގާވެ އުޅެން އުދަގޫ ކަމުން ތިޔަ ހިސާބަށް ނުދެވެނީ.... މުފީދު އައިސްއުޅޭ ވާހަކަ ކޮންމެވެސް މީހަކު ބުނި.."

މުފީދު ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވެނީސް އޭނާގެ ވާހަކަ މެދުކަނޑާލުމަށްފަހު ހަލީމާ ވާހަކަދެއްކިއެވެ.

"ކުދިވެރިން ރަނގަޅު... އެކުދިން މާމަ ވާހަކަ ވަރަށް ގިނައިން ދައްކާ... އެކަމަކު ވަދީފާގެ ކަންތައް ހުންނަގޮތް މަންމައަށް މާރަގަޅަށް އެގޭނެ..."

މުފީދުގެ ވާހަކަ މިހާހިސާބަށް ދިއުމުން ހަލީމާ އެއްޗެކޭ ބުނަން އުޅޭހެން ހީވެގެން މަޑުޖައްސައިލީއެވެ.

"އޭނާގެ ވާހަކަ ނުދައްކާ.. އެކި މީހުންގެ ހުންނާނީ އެކި ގޮތް.. އެއީއޭނާގެގޮތް... އަދި ފަހުން ވިސްނޭނެ ކަންނޭގެ... ހުރިހާ ކަމެއްގައި ވެސް އޮތީ މިންވަރުފުޅު... އަހަރެން އޭނާވެސް ތަރުބިއްޔަތުކުރީ ވަކި ނުބައި ފޮތަކުން ކިޔަވައިދީގެނެން ނޫން.."

މުފީދުގެ ވާހަކަ މެދުކަނޑާލުމަށް ފަހު ހަލީމާ ވާހަކަދައްކަމުން ގެންދިޔައެވެ. މިފަހަރު ހަލީމާ ވާހަކަ ދެއްކީ އިސްދަށަށް ޖަހައިގެން އިނދެގެންނެވެ. އޭނާ ބަނޑު އަޅައި ވިހެއި ދަރިފުޅުގެ ގޯސް ވާހަކަ އަމިއްލައަށް ދައްކަން އޭނާ ލަދުގަންނަނީއެވެ.

"އެއްކަލަ، މިގޭގައި މަންމަ ގެންގުޅުނު ކުއްޖާ ހާދަ ބޮޑޭ ދޯ؟.. ކީއްވެގެންތަ އެކުއްޖާ ވަދީފާ ކައިރިއަށް ގެންދިޔައީ؟.."

މުފީދު ނަޖުދާގެ ވާހަކަ މާދުރުދުރުން ފެށީ ހަމަ ގަސްތުގައެވެ. އޭނާއަށް އެއީ ހަލީމާ ގެންގުޅުނު ކުއްޖާކަން ނޭގި އޮތީމައެއް ނޫނެވެ.

"އޭނާވެސް ގެންދިޔައީ އެހެންގޮތެއް ނެތިގެން، އެނގޭ އެކުއްޖާއަށް އޭނާ ހަދާނީ ވަރަށް އިހާނެތިކޮށް ކަންވެސް... މިހުރިހާދުވަހު އެކުއްޖާ ބެލީ އަހަރެން... އަހަރެންނަށް އެކަން ނުކުރެވޭ ވަރަށް ދިއުމުން ދެންއެކަން ކޮށްދޭން ހުންނާނީ އޭނާއެއްނު... އަހަރެން ކުރަން ޖެހޭ ކަމެއް ދެން ކޮއްދޭން ޖެހޭނީ އޭނާއެއްނު؟..."

ނަޖުދާއާއިމެދު މުފީދު ހިތުގައި އެވަގުތު އުފެދޭނެހެން ހީވާ ހުރިހާ ސުވާލު ތަކެއްގެ ޖަވާބު އެއްކޮށް ލާފައި ފަތިވަރަކަށް އަމުނާލާ ފަދަ ގޮތަކަށް ހަލީމާ ބަސް ބުނެ ނިންމާލި އެވެ.

ހަލީމާއަށް އެގޮތަށް ހީވި ނަމަވެސް ނަޖުދާއާއި ބެހޭގޮތުން މުފީދު އޮޅުން ފިލުވަން ބޭނުން އެތައް ކަމެއް އެބަހުއްޓެވެ. ނަޖުދާއާއި ބެހޭ ގޮތުން އޭނާއަށް ނޭގޭ އެތައް ކަމެއް އެބަހުއްޓެވެ. މުފީދަކީ ވަރަށް ދުރު ވިސްނޭ އަދި ކަންކަމާއި މެދު ޚިޔާލާއި ތަނަވަސް ފިކުރު ހިންގޭ މީހަކަށް ވާތީ އޭނާގެ ހިތުގައި އެކަމާއިމެދު އުފެދޭ ސުވާލުތައް ވަރަށްގިނައެވެ. އަދި އެސުވާލުތައް އޭނާގެ ހިތުތެރޭގައި އުފެދެން ފަށާފައިވަނީ އަކީ އިއްޔެއަކު މިއަދަކުވެސް ނޫނެވެ.

-ނުނިމޭ-

ކިޔުންތެރިންގެ ހިޔާލު