އަންހެން ކުދިންނަށް ހާއްސަ ސްކޫލްތައް ހުޅުވުން މަނާކޮށް އަފްގާނިސްތާނުގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާކުރާނަަމަ މުޒާހަރާ ކުރާނެކަމަށް އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ބުނެފިއެވެ.

ކާބުލްގައި އޮތް ޕްރެސްކޮންފަރެންސެއްގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން މިހެން ބުނެފައިވަނީ އަފްގާނިސްތާނުގެ އަންހެން ކުދިން ސްކޫލަށް ކިޔަވަން ދިއުން ހުއްދަ ކުރުމަށް ނިންމިތާ މާގިނައިރެއް ނުވަނީސް އެ ނިންމުން ބަދަލުކޮށް، އެކަން މަނާކުރުމުންނެވެ.

ތާލިބާނުންގެ މިނިންމުން ކުށްވެރިކޮށް އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ވަނީ ހަފްތާއެއްހާ މުއްދަތުގެ ތެރޭގައި އަންހެން ކުދިންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ހުޅުވާލަން އެދިފައެވެ. އަދި ހަފްތާއެއްހާ ދުވަސްފަހުންވެސް ސްކޫލްތައް ނުހުޅުވައިފިނަމަ އަފްގާނިސްތާނުގައި މުޒާހަރާ ކުރަންފަށާނެކަމަށް އިންޒާރުދީފައިވެއެވެ.

މީގެ 7 މަސްދުވަސް ކުރިން އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އެރިފަހުން ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިއުން އޮތީ މަނާކޮށްފައެވެ. ނަމަވެސް ހުސްވިހަފްތާގައި އަންހެން ކުދިން ކިޔަވަން ދިއުމަށް ހުއްދަ ދީ، ސްކޫލްތައްވެސް ހުޅުވާފައެވެ. އެ ހުއްދަ ދިންތާ 11 ގަޑިއިރުވެސް ނުވަނީސް ތާލިބާނުންގެ ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށް، ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާކޮށްފައެވެ.

ތާލިބާނުންގެ މިނިންމުމާއެކު ތާލިބާނުގެ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އަދި އެ ނިންމުން ބަދަލުކޮށް، އަންހެން ކުދިންނަށް ތައުލީމީ ފުރުސަތުތައް ހޯދައިދޭން ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން