އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އަދި ފޮރިން މިނިސްޓަރ ލިޒް ޓްރުސް.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އަދި ފޮރިން މިނިސްޓަރ ލިޒް ޓްރުސް.
މިހާރުން މިހާރަށްވެސް ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ހުއްޓާލައިފިނަމަ، ރަޝިޔާއަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ހުއްޓާލާނެކަމަށް އިނގިރޭސިވިލާތުން ހާމަކޮށްފިއެވެ.

ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާއެކު އިނގިރޭސިވިލާތުގެ އިތުރުން ހުޅަނގުގެ އެކި ގައުމުތަކުން ދަނީ އެކި ގޮތްގޮތުން ރަޝިޔާއަށް ދަތި ކުރުމުގެ ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. ހާއްސަގޮތެއްގައި އެކި ވިޔަފާރިތަކަށް އަޅާފައިވާ ހުރަސްތަކާއިއެކު ރަޝިޔާގެ އިގްތިސާދީ ހާލަތު ދައްވަމުންދާނެކަމަށް ކަމާ ބެހޭ ގިނަ މާހިރުން ފާހަގަ ކުރެއެވެ.

ނަމަވެސް ހަމަލާތައް ހުއްޓާލައި ޔުކްރެއިނުގައި ތިބި ރަޝިޔާގެ ސިފައިން ބާލައިފިނަމަ ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓާލާނެކަމަށް އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރ ލިޒް ޓްރުސް ވިދާޅުވިއެވެ. އަދި މިހަމާލާތައް ހުއްޓާނުލައިފިނަމަ ރަޝިޔާއާއި ދެެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެކަމަށްވެސް ޓްރުސް ވިދާޅުވިއެވެ.

ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިނގިރޭސިވިލާތުން ރަޝިޔާއާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ އިސްވެރިންނާއި ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތައް ބްލެކްލިސްޓުކޮށް، އެއާއިލާތަކުގެ މުދާ ފްރީޒްކޮށް، އިމްޕޯޓު އެކްސްޕޯޓު ކުރުމަށް ދީފައިވާ ހުއްދަތައްވެސް ވަނީ ބާތިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން