އަފްޢާނިސްތާނުގެ އަންހެން ކުދިން ސްކޫލަށް ކިޔަވަން ދިއުން ހުއްދަ ކުރުމަށް ނިންމިތާ 11 ގަޑިއިރުވެސް ނުވަނީސް އެ ނިންމުން ބަދަލުކޮށް، އެކަން މަނާކޮށްފިއެވެ.

މީގެ 7 މަސްދުވަސް ކުރިން އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އެރިފަހުން ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިއުން އޮތީ މަނާކޮށްފައެވެ. ނަމަވެސް އިއްޔެ ވަނީ އަންހެން ކުދިން ކިޔަވަން ދިއުމަށް ހުއްދަ ދީ، ސްކޫލްތައްވެސް ހުޅުވާފައެވެ. އެ ހުއްދަ ދިންތާ 11 ގަޑިއިރުވެސް ނުވަނީސް ތާލިބާނުންގެ ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށް، ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާކޮށްފައެވެ.

އަފްޢާނިސްތާނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލްތައް އަލުން ހުޅުވަނީ އިސްލާމީ ޝަރީއާ އާއި އަފްޣާނިސްތާނުގެ ސަގާފަތާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާ ޕްލޭނެއްގެ ދަށުންކަމަށެވެ. އަދި އެ ޕްލޭން އެކުލަވާލެވެންދެން ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލްތައް ބަންދުވާނެކަމަށް އަފްޢާނިސްތާނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.



1996 ވަނަ އަހަރުން 2001 ވަނަ އަހަރުގެ ނިޔަލަށް ތާލިބާނުންގެ ވެރިކަން އަފްޣާނިސްތާނުގައި އޮތްއިރުވެސް އަންހެންކުދިން ތައުލީމް ހާސިލްކުރުން އޮތީ މަނާކޮށްފައެވެ. އަދި މިދިޔަ އޮގަސްޓްމަހު ދެވަނަ ފަހަރަށް ވެރިކަން ލިބުމުން ތާލިބާނުން ބުނެފައިވަނީ އަންހެން ކުދިންނަށް ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ޔަގީންކޮށްދޭނެކަމަށެވެ.

އަންހެން ކުދިންގެ ތައުލީމަށް ތާލިބާނުން ހުރަސް އެޅިއިރު، ތާލިބާނުންގެ ސަރުކާރު ބަލައިގަންނަން ބައިނަލްއަގުވާމީ މުޖްތަމައުން ކަނޑައަޅާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ޝަރުތަކީ އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.

ތާލިބާނުންގެ އެންމެފަހުގެ ނިންމުމާއެކު ގައުމުތަކުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އަދި އެ ނިންމުން ބަދަލުކޮށް، އަންހެން ކުދިންނަށް ތައުލީމީ ފުރުސަތުތައް ހޯދައިދޭން ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.

ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކުގެ އަންހެން ކުދިންނަށް ސްކޫލްތައް ބަންދުކުރިނަމަވެސް، އެއަށްވުރެ ދަށް ގްރޭޑްތަކުގެ އަންހެން ކުދިންނަށް ސްކޫލްތަކަށް ދެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން