ޔޫކްރެއިން ބޯޑަރ ހުރަސްކޮށް އެޤައުމުން ނިކުތް ދިވެހިންގެ އެންމެފަހު ގްރޫޕް މިއަދު ރާއްޖެ އަންނާނެ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން މިއަދު ބުނީ ޔޫކްރޭން ބޯޑަރ ހުރަސްކޮށް ހަންގޭރީއަށް އެންމެ ފަހުން އެތެރެވި ޚަރްކީވްގައި ތިބި 5 ދިވެހި ދަރިވަރުންނާއި، އެސިޓީގައި ތިބި 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާގެ އިތުރުން ނިޕްރޯ ގައި ހުރި ދިވެހި ދަރިވަރު މިއަދު ރާއްޖެ އަންނާނެ ކަމަށެވެ.

ޔޫކްރޭންގައި އެންމެ ފަހުންތިބި ދިވެހިން މިމަހުގެ 3 ވަނަދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާއިރު، ދަރިވަރުން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ހަންގޭރީއަށް އެތެރެވުމުން ފޮރިން މިނިސްޓްރީގެ ޓީމްގެ ބެލުމުގެ ދަށުން ދަރިވަރުން ވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން މިއަދު ބުނީ ބެލަރޫސްގައި މިވަގުތުތިބި ދިވެހިންގެ ތެރެއިން ރާއްޖެއައުމަށް ބޭނުންވާ 6 ދިވެއްސަކަށް އެކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އެ ދަރިވަރުން މިހަފްތާގައި ރާއްޖެ އަންނާނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ރަޝިޔާގައި މިވަގުތު ތިބި 88 ދިވެހިންނާއި ބެލަރޫސްގައި ތިބި 137 ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި އޭގެތެރެއިން ރާއްޖެއައުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ދެއްކި ހިތްވަރަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފްކުރައްވާފައެވެ. އަދި ދަރިވަރުން ޔޫކްރެއިންގެ ޚަރްކީވްގައި ތިބި އިރުވެސް ދަރިވަރުންނަށް ފޯނުން ގުޅުއްވައި، ދަރިވަރުންގެ ޙާލު ބައްލަވައި، އެދަރިވަރުންނަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން