އެމެރިކާ ސެނެޓުގެ މެންބަރަކު ޕޫޓިން މަރާލަން ގޮވާލި ގޮވާލުމަކީ އެމެރިކާ ސަރުކާރުގެ ވިސްނުމެއްނޫން ކަމަށް އެމެރިކާގެ ރައީސް އޮފީސް، ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވެއްޖެއެވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ، ޖެން ސާކީ މިހެން ވިދާޅުވެފައިވަނީ، ޔުކްރެއިނާއި ރަޝިޔާ ދެމެދު ބަދަލު ކުރްމުންދާ ހަމަލާތައް ހުއްޓުވޭނީ ރަޝިޔާގެ ރައީސް ވްލާޑިމިރް ޕޫޓިން ވުޖޫދުން ގެއްލުވާލައިގެންކަމަށް އެމެރިކާގެ ސެނެޓަރ ލިންޑްސޭ ގްރަހަމް ވިދާޅުވުމުންނެވެ. ގްރަހަމް މިހެން ވިދާޅުވެ ކުރެއްވި ޓްވީޓުގައި، ޕޫޓިން ގެއްލުވާލުމަކީ މުޅި ދުނިޔެއަށް ކޮށްދެވޭނެ އެހީތެރިކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ގްރަހަމް މިހެން ވިދާޅުވުމާއިއެކު، އެމެރިކާގެ ކޮންގްރެސް މެމްބަރުންގެ އިތުރުން އާންމު ފަރާތްތަކުންވެސް ވަނީ ފާޑުކިޔާފައެވެ. އެގޮތުން ގްރަހަމް އަށް ރައްދުދީ ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ މިއީ ސަރުކާރުގެ ފަރާތުން ގޮވާލި ގޮވާލުމެއް ނޫންކަމަށާއި، އަދި އެމެރިކާ ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ ފަރާތުންވެސް މިފަދަ ބަހެއް އިވިގެން ނުވާނެކަމަށެވެ.

ގްރަހަމްގެ މިފަދަ ނުރައްކާތެރި ހިޔާލެއް ދީފައިވަނީ، ޔުކްރެއިނާއި ރަޝިޔާ ދެމެދު ބަދަލު ކުރްމުންދާ ހަމަލާތައް ހުއްޓުވުމަށް އެމެރިކާ އިސްނަގައިގެން ހުޅަނގުގެ ގައުމުތަކާއި ގުޅިގެން ރަޝިޔާއަށް އެތައް ފިއްތުންތަކެއް ކުރިމަތިކުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޕޫޓިން ގެއްލުވާލުމަށް ގްރަހަމް ގޮވާލި ގޮވާލުން، ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ވެސް ވަނީ ކުށްވެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން