ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޕޫޓިން ވަނީ މުޅި ދުނިޔެއާއި އެކަހެރިވެފައިކަމަަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑނެން މިހެން ވިދާޅުވީ އެމެރިކާގެ މަޖިލިސް ކުރާގޭގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރަޝިޔާ އާއި ޔުކްރެއިނުގެ ހާލަތާ ބެހޭގޮތުން ވާހަކަދައްކަވަމުން، އެމެރިކާއިން އިސްނަގައި ރަޝިޔާގެ ހަމަލާތައް ކުށްވެރިކުރާ ގައުމުތަކުން އަތުގުޅާލައިފައިވާކަމަށް ބައިޑެން ފާހަގަކުރެއްވިއެވެ.

"ރަޝިޔާއިން ހަދަމުންދާ ދޮގުތަކުގެ ހަގީގަތް އެނގުމުން، ދުނިޔެއިން ރަޝިޔާގެ އަމަލުތައް ކުށްވެރި ކުރަންފެށީ... މިއާއެކު ޕޫޓިން ވަނީ މީގެ ކުރިން ނުވާވަރަށް ދުނިޔޭގެ އެހެން ގައުމުތަކާއި އެކަހެރިވެފަ." ބައިޑެން ވިދާޅުވިއެވެ.

މީގެއިތުރުން ރަޝިޔާގެ އަމަލުތައް ކުށްވެރި ކުރާ ގައުމުތަކުން އަޅާ ހުރަސްތަކުގެ ސަބަބުން ރަޝިޔާގެ އިގްތިސާދަށް ހީނުކުރާވަރުގެ ލޮޅުންތަކެއް އަރާނެކަމަށްވެސް ބައިޑެން ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ބައިޑެން ވަނީ އެމެރިކާއިން ރަޝިޔާއަށް އަޅާނެ އިތުރު ހުރަސްތައްވެސް އިއުލާންކުރައްވާފައެވެ. އެގޮތުން ރަޝިޔާގެ ފްލައިޓުތަކަށް އެމެރިކާގެ ވައިގެ ސަރަހައްދު ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.

އަދި އެމެރިކާގައި ރަޝިޔާގެ މުއްސަނދިންގެ ހިއްސާއޮންނަ ޕްރައިވެޓް ޖެޓުތަކާއި، އަގުބޮޑެތި ޔޮޓުތަކާއި ލަގްޒަރީ އެޕަރޓްމެންޓްތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުގެ ބެލުމުގެ ދަށަށް ގެނައުމަށް ބައިޑެން ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން