image ޕްރޮފެސަރ ހަސަން އުގައިލް   21 ފެބްރުއަރީ 2022 - 18:2
ރެހެންދީ ސްކޫލްގައި މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްދިޔަ ހަފްލާއެއްގެ ތެރެއިން. ފޮޓޯ: ރެހެންދި ސްކޫލް.
ރެހެންދީ ސްކޫލްގައި މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްދިޔަ ހަފްލާއެއްގެ ތެރެއިން. ފޮޓޯ: ރެހެންދި ސްކޫލް.
މީގެ އަހަރުތަކެއް ކުރިން، މާލޭގައި ދިރިއުޅޭ ދިވެހި ރައްޓެއްސެއްގެ ގެއަށް ހަވީރު ސަޔަށް ދިއުމަށް އަޅުގަނޑަށް ދައުވަތު ލިބުނެވެ. އެދައުވަތު ގަބޫލު ކުރީމެވެ. އެހެންކަމުން، އަޅުގަނޑުގެ މިތުރުގެ ގޭގައި އޭނާގެ އާއިލާއާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން ފުރުސަތު ލިބުނެވެ. އެތަނުގައި ހޭދަކުރެވުނު ދެގަޑިއެއްހާ އިރުތެރޭގައި އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. އެއީ، އެގޭގައި ދިރިއުޅުނު އުމުރުން ދިހައަހަރުން ދަށުގެ ތިން ކުދިންވެސް އާންމުގޮތެއްގައި އިނގިރޭސިބަހުން މުޢާމަލާތް ކޮށް އުޅުމެވެ. މައިންބަފައިންނާވެސް އެކުދިން ވާހަކަ ދައްކާހެދީ އިނގިރޭސި ބަހުންނެވެ. އަޅުގަނޑާއިވެސް އެކުދިން މުޅިން ކަހަލަ ގޮތަކަށް ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. އަދި އެކުދިންގެ މަންމަ ވަރަށް ފަޚުރުވެރި ރާގެއްގައި އަޅުގަނޑު ގާތު ބުނީ "މިގޭ ކުދިން އިނގިރޭސި ބަހަށް ވަރަށް ފަރިތަވާނެ، ގިނައިން މިގޭގައި ވާހަކަ ދައްކާނީވެސް އިނގިރޭސިބަހުން" އެވެ.


އުސޫލެއްގެ ގޮތުން ބަލާއިރު ދިވެހިން އިނގިރޭސިބަހަށް ފަރިތަވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. މީގެ މައިގަނޑު އެއްސަބަބަކީ ދުނިޔޭގައި އެންމެ ފުޅާގޮތެއްގައި ބޭނުން ކުރެވޭ ބަހަކީ އިނގިރޭސިބަސް ކަމުންނެވެ. އެހެންނަމަވެސް، އަޅުގަނޑު ގަބޫލު ކުރާ އެހެން ޙަގީގަތެއްވެސް އެބައޮތެވެ. އެއީ ދިވެހިންނަށް ދިވެހި ބަސްވެސް ރަނގަޅަށް އެނގި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތް ކޮށް އުޅުމުގެ މުހިއްމު ކަމެވެ. މީގެ ސަބަބެއް ކަމަށް އަޅުގަނޑު ހުށަހަޅަން ބޭނުންވަނީ އެއްބަހަށް ވުރެ ގިނަ ބަހުން ފުރިހަމައަށް މުޢާމަލާތް ކޮށް އުޅުމުން ދިރިއުޅުމަށް ލިބޭ ސާދާކަމެވެ. ސިކުނޑިއަށް ލިއްބައިދޭ ތަޒާ ކަމެވެ. މީހާގެ ތޫނުފިލިކަމަށް ގެނެސްދޭ ކުރިއެރުމެވެ.

ދެބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން (ނުވަތަ އެއްބަހަށް ވުރެ ގިނަބަހުން މުޢާމަލާތް ކުރަން އެނގުން) އެއީ އިންސާނާގެ ތޫނުފިލިކަން އިތުރު ކޮށްދޭ ކަމެއްކަން ސައެންސުގެ އަލީގައި ދޭހަކޮށްދޭ ގިނަ ދިރާސާތަކާއި ހެކިތައް އެބަހުއްޓެވެ. މިކަމާއި ގުޅޭގޮތުން ސައެންސުގެ ފަހުގެ ދިރާސާތަކުން ހާމަވާގޮތުގައި އެއްބަހުން މުޢާމަލާތް ކޮށް އުޅޭ މީހުންނާއި އެއްބަހަށްވުރެ ގިނަބަހުން މުޢާމަލާތް ކޮށް އުޅޭމީހުންގެ ސިކުނޑީގައި ބޮޑެތި ތަފާތު ތަކެއް ވެއެވެ. މިގޮތުން، ވިސްނުމާއި އަދި ކަންކަމާއި މެދު ގޮތް ނިންމުމަށް ބޭނުން ކުރެވޭ ސިކުނޑީގެ ބައިތައް އާންމު ގޮތެއްގައި އެއްބަހަށްވުރެ ގިނަބަހުން މުޢާމަލާތް ކޮށް އުޅޭމީހުންގެ އިތުރަށް ތަރައްޤީވާ ކަމުގެ ގިނަގުނަ ހެކި އެބަހުއްޓެވެ. ދިރާސާވެރިން ފާހަގަ ކުރާގޮތުގައި އެއްބަހަށްވުރެ ގިނަބަހުން އާންމުކޮށް މުޢާމަލާތް ކޮށް އުޅުމުގެ ހުނަރު ލިބިފައިވުމަކީ ސިކުނޑިއަށް ނިހާޔަތައް ފައިދާ ކުރާކަމެކެމެވެ. އެއީ އިންސާނާގެ ތޫނުފިލިކަން އިތުރުވުމަށް ބާރުއަޅާ ކަމެކެވެ. އަދި އެއީ ހަނދާންނެތޭ ބަލި ފަދަ ސިކުނޑީގެ ބަލިތަކުންވެސް މީހާ ރައްކާތެރި ކުރުމަށް ބާރު އަޅާ ކަމެކެވެ.

އެމެރިކާގެ ނާސާގައި މަސައްކަތް ކުރާ ސައެންސްވެރިއަކާ އަޅުގަނޑާއި ދެމެދު އެއްދުވަހު ދެކުވުނު ވާހަކައެއްގެ ތަފްސީލު ހިއްސާކޮށްލާނަމެވެ. އެއްދުވަހު ދެމީހުންގެ ދެމެދު ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރޭގައި އޭނާ ބުނީ ދެކުނު އޭޝިއާގެ މީހުންނަށް ބަލާއިރު ދިވެހިންނަކީ އާންމުގޮތެއްގައި ތޫނުފިލި މީހުންގެ ގޮތުގައި އޭނާއަށް ފާހަގަ ކުރެވޭ ކަމެވެ. މިކަމުގެ ޙަގީގީ ސިއްރަކީ ކޮބައިބާވައޭ އޭނާ އަޅުގަނޑު ގާތު ސުވާލު ކުރިއެވެ. ޖަވާބުގައި އަޅުގަނޑު ބުނީ ދިވެހިން ތޫނުފިލިވަނީ ދިވެހިން އާންމުގޮތެއްގައި ކަނޑުމަސް ކައިއުޅޭތީކަމަށް ދިވެހިންގެ ތެރޭގައި ވާހަކަދެކެވޭ ކަމަށެވެ. އެހެންނަމަވެސް، އެއީ ޙަގީގީ ވާހަކައެއްކަމަށް ގަބޫލު ކުރަން ދަތި ކަމަށްވެސް އޭނާގާތު އަޅުގަނޑު ބުނީމެވެ. އެކަމަކު، ދިވެހިން އާންމުގޮތެއްގައި ދެބަހުން މުޢާމަލާތްކޮށް އުޅުން އެއީ ދިވެހިން ތޫނުފިލި ވުމުގެ ސަބަބެއް ކަމުގައި ބެލިދާނެ ކަމަށް ބުނީމެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޔަތްފަދަ ގޮތްގޮތުން ދިވެހިން ދުނިޔެވީ ކަންކަމަށް ލޯހުޅުވި ހޭލުންތެރިވެފައިވާ މިންވަރު ނިސްބަތުން ބޮޑުކަންވެސް އެއީ ސަބަބެއް ގޮތުގައި ފާހަގަ ކުރީމެވެ.

ކޮންމެއަކަސް، އަޅުގަނޑުމެންގެ ތެރޭގައި މާދަރީ ދިވެހި ބަހަށް އޮންނަން ޖެހޭ ލޯބި ދުވަހެއް ދުވަހަކަށް ކުޑަވަމުންދާކަން ފާހަގަ ކުރެވެއެވެ. ޚާއްސަކޮށް އަޅުގަނޑުމެންގެ ޒުވާން ޖީލު ދިވެހިބަހާއި ދުރަށްދާ މަންޒަރުވެސް އެބަ ފެނެއެވެ. މާއްދާއެއްގެ ގޮތުގައި ދިވެހިބަސް ކިޔަވަން ދުރުހެލިވެ އަކަމަށް ބުރަހެލިވާ ކިޔަވާކުދިންވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ.

ދިވެހިބަސް އެއީ އުވާލަންޖެހޭ ބަހެކޭ ކިޔައިގެން މިކަމާމެދު ބަހުސުކޮށްހަދާ ޒުވާނުންވެސް މިހާރު އަޅުގަނޑުމެންގެ މުޖުތަމައުން ފެނެއެވެ. މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެމީހުން ހުށަހަޅަނީ ދިވެހިބަހުގެ ފަގީރުކަމާއި ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ދިވެހިބަސް ލިޔަން އުނދަގޫކަމުންނެވެ. އެހެންނަމަވެސް، މިއީ ދިވެހިބަސް އުވާލަން ޖެހޭ ސަބަބުތަކެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރަން ދައްޗެވެ. ދިވެހިބަސް ދިރުވައި ތަރައްގީ ކުރުމަކީ އަޅުގަނޑުމެން ދިވެހިންގެ ޒިންމާއެކެވެ. ބަހުގެ ފަގީރުކަން ކުޑަކުރެވޭނީވެސް ޒަމާނާ އެއްގޮތަށް ބަސް ކުރިއަރުވަން މަސައްކަތްތަކެއް ކުރެވިގެންނެވެ. މިސާލަކަށް، ދުނިޔޭގެ އެންމެ މުއްސަނދި ބަސްތަކުގެ ތެރޭގައި ހިމެނޭ ޢަރަބި ބަހުގައި ގުދުރަތީގޮތުން ނުހިމެނޭ ބަސްތަކާއި ލަފްޒުތައް މީހާރު އެބަހަށް ވައްދައި ޒަމާނާއި އެއްގޮތަށް އެބަސްވެސް ދަނީ ކުރިއަރުވަމުންނެވެ.

އެކަމަކު، މިހުރިހާކަމަކަށް ވުރެންވެސް، ދިވެހިންގެ ތެރޭގައި ދިވެހިބަސް ދިރުވުމުގެ އެންމެ މުހިއްމު އެއްބޭނުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ އެއްބަހަށްވުރެ ގިނަބަހުން މުޢާމަލާތް ކުރުމުގެ ފުރުސަތު އޮތުމުން ދިވެހިންގެ ސިކުނޑިތައް ދުޅަހެޔޮގޮތުގައި ދަމަހައްޓާ ދިނުމަށް އެޅޭ ބާރަކަށް އެބަސް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު