ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ނެތި މާލެ ސިޓީ ކައުންސިލަށް ޕާކިން ސްލޮޓް ނުވިއްކޭނެ ކަމަށް އެ މިނިސްޓްރީން މިރޭ ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން އަމިއްލަ މީހުންނަށް ވިއްކުމަށް ނިންމާފައިވާ 1000 ޕާކިން ސްލޮޓާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅަައި ހިލޭ ޕާކުކުރެވޭނެ ސަރަހައްދުތަކާއި ވަކި މަގުތަކުގައި ވަކި ފީ އެއް ނަގައިގެން ޕާކު ކުރެވޭ ސަރަހައްދު ކަނޑައެޅިދާނެ ކަމަށެވެ.

އެހެން ނަމަވެސް މަސްތަކާއި އަހަރުތަކަކަށް ދެމިގެންދާހެން ދިގު މުއްދަތަކަށް ޕާކިން ސްޕޮޓް ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވާއިދު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ހިލޭ ޕާކިން ސަރަހައްދުތަކާއި އަދި ފީ ނަގައިގެން ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި ޕާކިން ސްލޮޓްތައް ގާއިމު ކުރާނެ ތަންތަނުގެ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް އެ މިނިސްޓްރީއަށް ހުށައަޅާ ފާސްކުރުމަށް ފަހު އެކަަން ގަވާއިދުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރުމުގެ ޖާގަ އެބައޮތް ކަމަށް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ބުނެފައިވާއިރު މާލެއިން 1،000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް ވިއްކަން ސިޓީ ކައުންސިލުން ނިންމި ނިންމުން މަޑުޖައްސާލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވަނީ އަންގާފައެެވެ.



ކިޔުންތެރިންގެ ހިޔާލު