ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯހުން ގޯހަށްދާނަމަ ދާންޖެހޭނީ ހަރުކަށި ފިޔަވަޅުތަކާއި ދިމާލަށް ކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ.


ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަަވަމުން އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅު ނުވެ ގޯހުން ގޯހަށްދާނަމަ ދާންޖެހޭނީ ހަރުކަށި ފިޔަވަޅުތަކާއި ދިމާލަށް ކަމަށެވެ. އެހެންކަމުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ކުރިން ކޮވިޑުން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބައި ފަރުދީ ޒިންމާ އަދާކުރުމަށް ޑރ. އަފްޒަލް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކޮވިޑާއި ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅާނީ ކޭސް ލޯޑަށާއި ހޮސްޕިޓަލައިޒް ރޭޓްތަކާއި އެކްޓިވް ސަރވައިލަންސް ފެންނަ ނިސްބަތާއި ޓޫރިސްޓުންގެ ފަރާތުން ފެންނަ ނިސްބަތާއި އަތޮޅު ތެރެއިން ފެންނަ ކޭސްތަކާއި މުޅި ގައުމުން ބަލި ފެންނަ ނިސްބަތަށް ބެލުމަށްފަހު ކަމާ ގުޅުންބުރި ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"މިހުރިހާ އެއްޗެއް ކަލެކްޓްކޮށް ވަކިވަކިން އަޅުގަނޑުމެން ބަލަން، އެހެން ބަލާފައި ދެން މަޝްވަރާގެ ކޮމެޓީގެ ބައްދަލުވުމުން އެކަމާއި މެދު މަޝްވަރާ ކުރުމަށްފަހުގައި ފިޔަވަޅުތަކެއް އަޅާނީ. ކަންކަން ގޯހުން ދާކަމަށް ފެންނަންޏާ ހަމަ ހަރުކަށި ފިޔަވަޅުތަކާއި ދިމާލަށް ދާނީ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ އެޗްޕީއޭއިން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހިއްޖެނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާ ބައްދަލުވުންތައްް ކޮންމެ ހަފުތާއަކު ވެސް ކުރިއަށްދާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވަނީ މާސްކު ނާޅާ އުޅޭމީހުންނަށް ފިޔަވަޅު ނޭޅުމުން އެކަމުގެ ނާޖައިޒު ފައިދާ ނުނެގުމަށް އެދިވަޑައިގެންފައެވެ. ކޮވިޑުން ރައްކާތެރިވުމަށް މާސްކު އެޅުންފަދަ ކުދި ކުދި ކަންކަން ނުކުރާނަމަ ފުލުހުންގެ ހަރަކާތްތައް އިތުރުކޮށް ޖޫރިމަނާ ކުރުން ފަދަ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"އެޗްއީއޯސީގެ ބައްދަލުވުންތައް އެދަނީ ކުރިއަށް ޓެގްގެ މަޝްވަރާތަކާއި ހުރިހާ މުވައްސަސާތަކުގެ މަޝްވަރާވެސް މިހާރު ދަނީ ކުރިއަށް، ކޮންމެ ހަފުތާއަކު ވެސް އެ މަޝްވަރާތައް ކުރިއަށްދޭ ޕޮލިސީ ލެވެލްގެ މަޝްވަރާތައް ބާއްވާ މި މަޝްވަރާތަކުން އެންމެ ފަހުގެ އިންޕުޓަށް ބަލާފައި ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ހިސާބަށް ގޮސްފިނަމަ އަޅާނަން. މިހަފުތާ އާއި އަންނަ ހަފުތާ ވެސް ވަރަށް ބޮޑު ބަދަލެއް އައިސްދާނެ އަޅާނެ ފިޔަވަޅުތަކުގައި. އެހެންވީމަ އާންމު މީހާގެ އަތުގައި އެބައޮތް ވަރަށް ބޮޑު ބާރެެއް މީގައި." ކޮވިޑުން ރައްކާތެރިވުމަށް ރައްޔިތުން ފަރުދީ ޒިންމާ އަދާކުރުމަށް ހަނދާންކޮށްދެއްވަމުން ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު