"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ އަމަލީ މަސައްކަތް މިރޭ ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން ބިނާކުރާ 1،224 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެވެ.

ބީއެމްއެލް އިން ޖުމްލަ 3،260 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ނިންމާފައިވާއިރު، މި ހުރިހާ ޔުނިޓުތަކަކީވެސް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ "ރެންޓް-ޓު-އޯން" އުސޫލުންނެވެ. މިއީ ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ކުލި ދައްކައި ނިމުމުން، އެ ތަނެއްގެ މިލްކުވެރިކަން ދިިރިއުޅޭ ފަރާތަށް ލިބިގެންދާ މޮޑެލްއެކެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، 1،224 ހައުސިން ޔުނިޓުގެ ބިންގާ ވަނީ އަޅާފައެވެ. މިއީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ އެންމެ އިސް އެއް މަޝްރޫއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މި މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި ރައީސްގެ ތަސައްވުރު މިހާ އަވަހަށް އަމަލީ ސިފައެއްގައި ފެނިގެންދިއުމަކީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހައުސިން މިނިސްޓްރީއާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

"މިއީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ސީދާ މަންފާކުރާނެ ކަމުގެ ހެއްކެއް،" ޝަރީފް ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދުތައް ބުނާގޮތުން، ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10 އިން 15 އިންސައްތައާ ދެމެދުގެ މިންވަރެއް އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހާއްސަކުރަންޖެހެއެވެ.

މިކަމާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިން މި މަޝްރޫއު ދެކެނީ ހަމައެކަނި ގަވާއިދަކަށް އަމަލުކުރުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ނޫން ކަމަށާއި، މިއީ ގައުމީ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. މިއީ އާދައިގެ އިމާރާތްކުރުމުގެ މަޝްރޫއަކަށްވުރެ ބޮޑަށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ މުހިންމު މަސައްކަތެއް ކަމަށާއި، މިކަމުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ އާއިލާތަކަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު