ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު "ސްލޯ" ކަމަށް ބުނާ މީހުން ޑޮކުޓަރީ ފަރުވާ ހޯދަންޖެހޭ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބުދު ﷲ ރޭ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަަކަ ދައްކަަވަމުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބުދު ﷲ ވިދާޅުވީ، ސަރުކާރު ސްލޯ ކަމަށް ބުނެ ވާހަކަ ދައްކާ ފަރާތްތަކުން ޑޮކުޓަރީ ފަރުވާ ހޯދަންޖެހޭ ކަމަށާއި އެއީ ބުއްދި ސަލާމަތުން ހުރެ ދައްކާ ވާހަކަ ތަކެއްތޯ ބަލަންޖެހޭ ކަމަށެވެ. އަހުމަދު އަބުދު ﷲ ވިދާޅުވީ މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 140 އަށްވުރެ ގިނަ ރަށުގެ ނަރުދަމާ ނިޒާމް އެޅުމުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށެވެ. އަދި މި ސަރުކާރުން 160 އަށް ވުރެ ގިނަ ރަށުގައި ފެނުގެ ނިޒާމްގެ މަސައްކަތް ފަށާފައިވާއިރު އެތައް ރަށެއްގެ ބަނދަރުގެ މަސައްކަތް ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.


އަދި ފަސްސަތޭކަ އަށްވުރެގިނަ ކްލާސްރޫމް ސަރުކާރުން އަޅާފައިވާ ކަމަށާއި ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމާއި ޚިދުމަތް ރަނގަޅު ކުރުމުގެ އެތަށް ބައިވަރު މަސައްކަތްތަކެއް ކޮށްފައިވާއިރު އަތޮޅު ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްފަައިވާ ކަމަށް އަހުމަދު އަބުދު ﷲ ވިދާޅުވިއެވެެ.

މީގެ އިތުރުން ރަށްރަށުގެ މަގު ހެދުމުގެ ގިނަ ޕްރޮޖެކްޓް ތަކާއި ކުޅިވަރުގެ ޚިދުމަތްތައް ތަރައްގީކޮށް ދަނޑުތައް ހެދުމާއި ޓާފް އެޅުމާއި ފުޓްސަލް ދަނޑާއި ފުޓްބޯޅަ ދަނޑުތަކެއް ސަރުކާރުން އަޅާފައިވާއިރު ޒަމާނީ ފެންވަރުގެ ވޮލީ ކޯޓު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށް ރަށުގައި 2 ނުވަތަ 3 ޕްރޮޖެކްޓް ނުހިނގާ އެއްވެސް ރަށެއް ނެތް ކަމަށް އަހުމަދު ވިދާޅުވިއެވެ.

"ފަސް އަަހަރުގެ ދައުރެއް ނިއްމާލާފައި ދިޔަ ބަޔަކަށް ތިރީސް ބަނދަރެއް ނުހެދުނު، 30 ހަކަށް ރަށުގައި ނަރުދަމާއެއް ނޭޅުނު، 30ހަކަށް ރަށުގައި ފެނެއް ނޭޅުނު ފަސް އަހަރުގެ ދައުރެއް ގޮސްފި،" މި ސަރުކާރުން ސްލޯ ކަމަށް ބުނެ ވާހަކަ ދައްކާ ފަރާތްތަކަށް ރައްދު ދެއްވަމުން އަހުމަދު އަބުދުﷲ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަހުމަދު އަބުދު ﷲ ވިދާޅުވީ "ސްލޯ" އީ ތިން އަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށުގައި ނަރުދަމާ ނިޒާމް އެޅި މީހުންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ސްލޯ އީ ތިންއަހަރުގެ ތެރޭގައި 150 އަށް ވުރެ ގިނަ ރަށުގައި ފެނުގެ ޚިދުމަތް ގާއިމް ކުރި މީހުންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

"ބުއްދި ސަލާމަތުން ނެތް ކަމަށް ބުނަނީކީ މަގުމަތިން ދާ މީހާގެ ގަޔަށް ލޮލަށް ބޮލަށް އަރައިގަނެ އެއްޗެހި ގޮވައި ހެދުމަކުން ނޫނެއް ނޫންތޯ؟ މިބާވަތުގެ ވާހަކަ ދެއްކީމަ ކުޑަކޮށް ޑޮކްޓަރީ ފަރުވާ ބޭނުންވާނެއޭ، އެއީ އެކަހަލަ ވާހަކަތައް ދެއްކީމާ ހަމަ ހަގީގަތުގައި ވެސް ޓެސްޓެއް ކޮށްލަންޖެހޭ އެއީ ސަލާމަތް ބުއްދީގައި ތިބެ ދައްކާ ވާހަކަތޯވެސް." އަހުމަދު އަބުދު ﷲ ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު