ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ޔޫރަޕުގެ އާބަދީގެ ބޮޑުބަޔަކަށް އޮމިކްރޯން ވޭރިއަންޓް ފެތުރިގެންދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު އެޗް އޯ) އިން ލަފާކޮށްފިއެވެ.


ޔޫރަޕުގައި މިއަހަރުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް 7 މިލިއަނަށްވުރެ ގިނަ ކޮވިޑް ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި އަހަރުގެ ދެވަނަ ހަފްތާގައި މިއަދަދު ވަނީ ދެގުނަ ވެފައެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޔޫރަޕް ރީޖަންގެ ޑިރެކްޓަރ، ޑރ. ހާންސް ވިދާޅުވީ ޔޫރަޕުގެ 26 ގައުމަކުން، އެގައުމުތަކުގެ އާބާދީގެ 1 އިންސައްތަ މީހުން ކޮންމެ ހަފްތާއަކުވެސް ކޮވިޑަށް ޕޮޒިޓިވްވަމުން ދާކަމަށް ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ.

އަދި މިފަދައިން އަދަދުތައް މައްޗަށް ދާނަމަ ޔޫރަޕުގެ އާބަދީގެ 50 އިންސައްތަ މީހުންނަށް ކުރިއަށް އޮތް 6 ހަފްތާއާއި 8 ހަފްތާ އާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި، ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޔޫރަޕުގައި މިހާރު ކޮވިޑު ފެތުރިގެން ދަނީ ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓް ކަމަށްވާ އޮމިކްރޯންގެ ސަބަބުންކަމަށް ސިއްހީ މާހިރުން ވަނީ ލަފާކޮށްފައެވެ. އަދި މިވޭރިއަންޓަކީ ހަލުވި ކަމާމެދު ފެތުރިގެންދާ ވޭރިއަންޓެއް ކަމުން ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކޮށް، ވެކްސިން ޖެހުން އަވަސްކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު