ދުނިޔޭގެ އެކިކަންކޮޅުތަކުގެ ސިނަމާތަކުގައި ރިލީޒްކޮށްފައިވާ ހިންދީ ފިލްމު 83 ޓީވީ ޗެނަލްތަކާއި ޑިޖިޓަލް ޕްލެޓްފޯމް ތަކުގައި ރިލީޒްކުރަން ހަމަޖެހިއްޖެއެވެ.


މިކަމާބެހޭގޮތުން މީސްމީޑިއާގައި ވާހަކަދައްކަމުން ފިލްމުގެ ކޯ ޕްރޮޑިއުސަރެއް ކަމަށްވާ ޝިބާސިޝް ބުނެފައިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ސިނަމާތަކުގައި އަށް ހަފްތާ ވަންދެން ފިލްމު 83 ދެއްކުމަށްފަހު އޮންލައިންކޮށް ފިލްމު ބަލާލެވޭނެ ޑިޖިޓަލް ޕްލެޓްފޯމަކުން ނުވަތަ ސެޓެލައިޓް ޓީވީ ޗެނަލް ތަކުން މިފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފަދަ ނިންމުމެއް ނިންމާފައިވަނީ ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓްކަމަށްވާ އޮމިކްރޯނާއި ހެދި އިންޑިއާގައި ކޮވިޑް ބަލީގެ ބިރުބޮޑުވެ ބަލި ޖެހޭ މީހުން އިތުރުވުމާއިއެކު ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ގިނަ ސިނަމާތަކެއް ބަންދުކުރުމާއި ގުޅިގެންނެވެ.

ނަމަވެސް މިފިލްމު އުފެއްދި ފަރާތްތަކުން މިފިލްމު ޑިޖިޓަލް ޕްލެޓްފޯމެއްގައި އަޅުވާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިންދީ ފިލްމު 83 އަކީ 1983 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕުން އިންޑިއާ ހޯދި ކާމިޔާބީގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

ހުސްވި އަހަރުގެ ޑިސެމްބަރ މަހު ރިލީޒް ކުރި މިފިލްމު ވަނީ ބޭރުގެ 80 ގައުމެއްގެ 1512 ސްކްރީނުގައި ރިލީޒްކޮށްފައެވެ. އަދި އިންޑިއާގައި 3741 ސްކްރީނުގައި މިފިލްމު ރިލީޒްކޮށް ދައްކަން ވަނީ ފަށާފައެވެ.

އަދި މިފިލްމު ވެގެންދަނީ ބައިނަލްއަގުވާމީ ގޮތުން ހިންދީ ފިލްމެއް މިހާ ބޮޑުކޮށް ރިލީޒްކުރި ފުރަތަމަ ފިލްމަށެވެ.

ކިޔުންތެރިންގެ ހިޔާލު