37 މިލިއަން ރުފިޔާ އެއްފަހަރާއި އުފުލުމަކީ އިންސާނަކަށް ކުރެވޭނެ ކަމެެއް ނޫން ކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ކަޅުދަބަހެއްގައި 37 މިލިއަން ރުފިޔާ އުފުއްލެވި ކަމަށް ބުނެ އާންމުންގެ މީހަކު ޝޯޝަލް މީޑިޔާގައި ދެއްކި ވާހަކައަކަށް ރައްދުދެއްވަމުންނެެވެ. ޑރ. އިޔާޒް ވިދާޅުވީ، ރައީސް ސާލިޙު 37 މިލިއަން ރުފިޔާ އެއްފަހަރާ އުފުއްލެވި ކަމަށް ތުހުމަތުކުރާއިރު، އެއަދަދުގެ ފައިސާ އެއްފަހަރާއި އުފުލުމަކީ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބުއްދީގެ އަލީގައި ވާހަަކަ ދެއްކުން ރަނގަޅުވާނެ ކަމަށް ވިދާޅުވެ އިޔާޒް ވަނީ ރައީސަށް ތުހުމަތުކުރި ފަރާތަށް ރައްދު ދެއްވާފައެވެ.



"ތިޔަ 37 މިލިއަނެއް ގޯތި ގޯއްޗަށް ވަދެ އާންމުންގެ އަތްފޯރާ ހިސާބަށް ދިއުން އެއީ އޭރުގެ ރައީސްގެ ނުކުޅެދުންތެރިކަން." ޑރ. އިޔާޒު ވިދާޅުވިއެވެ.

ރައީސް ސޯލިހް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމުގެ ތުހުމަތު އެންމެ ފުރަތަމަ ކޮށްފައިވަނީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އިނގިރޭސިވިލާތުގައި ހުންނަވައިގެން މީޑިޔާތަކާއި ބައްދަލުކުރައްވައި އަލީ ވަހީދު ވިދާޅުވީ ރައީސް ސާލިޙު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް ހުންނެވިއިރު ޚިޔާނާތުގެ ފައިސާގެ ތެރެއިން 37 މިިލިއަން ރުފިޔާ ކަޅު ދަބަހެއްގައި ގެންދެވިި ކަމަށެވެ. އެ ފައިސާ އާއި ހަވާލުވެވަޑަައިގަތުމަށް ރެެހެންދި ފުލެޓަށް ރައީސް ސާލިޙު ވަޑައިގަތުމުން އެމަނިކުފާނާއި ފައިސާ ހަވާލުކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނާއިބް ރައީސްކަން ކުރެއްވި އަހުމަދު އަދީބު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މި ތުހުމަތުތައް ތަހުގީގު ކުރުމަށް އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމިން ވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގޮވާލައްވާފައެވެ. އެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އަލީ ވަހީދު އެ ވިދާޅުވާ ކަޅު ދަބަހުގެ ތުހުމަތު ތަހުގީގުކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ރައީސް ޞާލިޙުގެ ގާތް ބޭފުޅަކު ޕޮލިސް ކޮމިޝަނަރަކަށް ހުންނަވައިގެން އެމައްސަލަ ތަހުގީގު ނުކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު