ވިލާ ގްރޫޕްގެ ޗެއަރމަން އޮނަރަބަލް ޤާސިމް އިބްރާހިމް (މ)
ވިލާ ގްރޫޕްގެ ޗެއަރމަން އޮނަރަބަލް ޤާސިމް އިބްރާހިމް (މ)
ވިޔަފާރި ކުރުމަށް ބޭނުންވަނީ މަސައްކަތާއި، ހިތްވަރާއި، މަޢުލޫމާތާއި މޮޅު ވިސްނުން ކަމަށް ބުނެ ވިލާ ގްރޫޕަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތުތަކަށް އެ ކުންފުނިން ވަރުގަދަ ރައްދެއް ދީފިއެވެ.


ވިލާ ކުންފުނިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ބައެއް އޮންލައިން ނޫސްތަކުގައި ޤާސިމް އިބްރާހިމްގެ ވިލާ ގްރޫޕް ކުންފުނިތަކާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސް.ޓީ.އޯ، ގުޅިގެން ކޮރަޕްޝަންގެ ޢަމަލު ހިންގައި އެ ޢަމަލުތަކުގެ ތެރެއިން ލިބޭ ފައިސާ ވިލާ ގްރޫޕްގެ އެކި ވިޔަފާރިތަކަށް ބޭނުންކޮށް މަނީ ލޯންޑާ ކުރަމުން އަންނަ ކަމުގެ ތުހުމަތުކޮށް ޚަބަރުތަކެއް ލިޔެފައިވާ ކަމަށެވެ.

އަދި ވިލާގެ ޗެއަރމަން ޤާސިމް އިބްރާހީމް ސިޔާސީ ގޮތުން ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އެމަނިކުފާނުގެ އަގު ވައްޓާލުމުގެ ގޮތުން، ސިޓީއެއްގައި ހުރި ވާހަކަ ތަކެއް ކަމަށް ބުނެ ޙަޤީގަތާ ޚިލާފު ވާހަކަ ފަތުރާ ވިލާ ގްރޫޕްގެ ވިޔަފާރިތަކަށް ހުރަސް އަޅާ ގެއްލުން ދިނުމުގެ ނުބައި ނިޔަތުގައި ކުރާ މިފަދަ ކަންކަން ހުއްޓާލުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

"ވިޔަފާރި ކުރުމަށް ބޭނުންވަނީ މަސައްކަތާއި، ހިތްވަރާއި، މަޢުލޫމާތާއި މޮޅު ވިސްނުމެވެ. ޙަޤީގަތާ ޚިލާފު ވާހަކަ ފަތުރައި އެހެން ވިޔަފާރިތަކަށް ހުރަސް އެޅުމެއް ނޫނެވެ." ވިލާ ގްރޫޕްގެ ބަޔާނުގައިވެއެވެ.

ވިލާ ގްރޫޕްގެ ބަޔާނުގައި ބުނެފައިވަނީ އެފަދަ ނޫސްތަކުގައި ވިލާ ގްރޫޕުގެ ކުންފުނިތަކުން ކޮރަޕްޝަންގެ ޢަމަލު ހިންގައި މަނީ ލޯންޑަރ ކުރާކަމަށް ލިޔެފައިވާ ޚަބަރުތަކަކީ އެއްވެސް އަޞްލެއްނެތް ޙަޤީގާތާ ޚިލާފު ވާހަކަ ތަކެއް ކަމަށެވެ. އަދި މީގެ 35 އަހަރު ކުރީން ޤާސިމް އިބްރާހީމް ވިލާގެ ނަމުގައި ވިޔަފާރި ކުރައްވަން ފެށީއްސުރެ އަންނަނީ ތެލުގެ ވިޔަފާރި ކުރަމުން ކަމަށް ބަޔާނުގައިވެއެވެ.

'ތެލާއި، ގޭހާއި ސިމެންތި އާއި އިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި ޢާއްމު މުދަލުގެ ހޯލްސޭލް އަދި ރީޓެއިލް ކުރުމުގެ ވިޔަފާރި އަކީ ޓޫރިސްޓް ރިޒޯޓްތައް ހިންގަން ފެށުމުގެ ކުރީއްސުރެ ވިލާ ގްރޫޕުން ކުރަމުން އަންނަ ވިޔަފާރި އެކެވެ. ވިލާ ގްރޫޕްގެ ކުންފުނި ތަކުން އަބަދުވެސް ވިޔަފާރި ކުރަނީ ޤާނޫނާއި ގަވާއިދުތަކާއި ބައިނަލް އަޤްވާމީ އުސޫލުތަކާއި އެއްގޮތަށެވެ." ބަޔާނުގައިވެއެވެ.

ވިލާ ގްރޫޕްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބައިނަލް އަޤްވާމީ ވިޔަފާރި މުޢާމަލާތްތަކުގައި ވިލާ ގްރޫޕުގެ ކުންފުނިތަކުން ކުރާ ހުރިހާ ފައިސާގެ މުޢާމަލާތްތަކަކީ ބޭންކިން ސިސްޓަމްގެ ތެރެއިން ގަވާޢިދުން ކުރަމުން އަންނަ މުޢާމަލާތް ތަކެއް ކަމަށެވެ. މިގޮތުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް ކަމާބެހޭ އިދާރާތަކުގައި ފެންނަން ހުންނާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ހަމައެއާއެކު ވިލާ ގްރޫޕުގެ، ކުންފުނީގެ ވެރިންނާއި މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ އެންމެހައި ކަންކަން އެ ގްރޫޕްގެ ކުންފުނިތަކުން ކުރާނެ ކަމުގައި ވިލާ ގްރޫޕުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު