ދިވެހި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ކޮންމެ އަހަރަކު ދޭ "ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ބައިވެރިވެއްޖެއެވެ.


ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބީއެމްއެލުން ވަނީ އަންގާރަ ދުވަހުގެ ރޭ ކްރޮސްރޯޑްސްގައި ބޭއްވި "ގޯލްޑް 100' އެވޯޑް ހަފްލާގެ ޕްލެޓިނަމް ޕާޓްނަރގެ ގޮތުގައި ބައިވެރިވެފައެވެ. މި އެވޯޑް ހަފްލާއަކީ ކޮންމެ އަހަރަކު އެއްފަހަރު ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކަށް އެވޯޑްދިނުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ.

ދިވެހިރާއްޖެއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެންމެ ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ އެއް ގައުމަށްވުމާއެކު ބޭންކުން ވަނީ ވީހާވެސް އަވަހަށް ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ނެގެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

މިގޮތުން ބޭންކުން ވަނީ ފަތުުރުވެރިކަމުގެ ސިނާއަތައް ހާއްސަކޮށް ޝޯޓް-ޓާރމް ފައިނޭންސިންގ ތައާރަފްކޮށް، ބޭންކުން ދޫކޮށްފައިވާ ހުރިހާ ލޯނާއި ފައިނޭންސިންގތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އަދި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ވަނީ ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ލޯނާއި ފައިނޭންސް ދޫކޮށްފައެވެ.

މީގެއިތުރުން، ރާއްޖޭގެ އިގްސާދާއި ވިޔަފާރިތަކަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބޭންކުން ވަނީ ރާއްޖޭން ބޭރުގެ މާލީ އިދާރާތަކާއި ސަރުކާރާ ގުޅިގެން ފަންޑިންގ ހޯދާފައެވެ. އެގޮތުން ބީއެމްއެލުން ރާއްޖޭގެ އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޭތުވެދިޔަ 2020 ވަނަ އަހަރު 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެބޭންކުން ބުނެފައި ވެއެވެ.

ކްރޮސްރޯޑުގައި ރޭ ބޭއްވި ގާލާ އިވެންޓުގައި ރާއްޖޭގެ ކުރިއަރާފައިވާ 100 ވިޔަފާރީގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްވެސް ވަނީ ހިމެނިފައެވެ.

ބޭންކުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން "ކޯޕަރޭޓް މޯލްޑިވްސް" އާ ގުޅިގެން މި އެވޯޑް ދިނުމަށް އެހީތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު