ވިލިނގިލީ ވަޤްފް އިމާރާތުގެ މަސައްކަތް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ވިލިނގިލީ ވަޤްފް އިމާރާތުގެ މަސައްކަތް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހިރާއްޖޭގެ އިސްލާމީ ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ ވަޤްފު މަޝްރޫޢުތަކުގެ ތެރެއިން ގއ. ވިލިނގިލީގައި ތަރައްޤީކުރާ ވަޤްފު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ ރޭނުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއްޔެ 'އެކްސް' މެދުވެރިކޮށް ޢާންމުކުރި މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވިލިނގިލީގައި ކުރިއަށްދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ ނިންމައި ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ މުހިންމު މަރުޙަލާއެވެ. މިއީ މުޅި ރާއްޖޭގައި ވަޤްފުގެ ދާއިރާ ހަރުދަނާކޮށް، ފުޅާކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ ދުރުރާސްތާ ސިޔާސަތުގެ ދަށުން ޚާއްޞަ އިސްކަމެއް ދީގެން ހިންގާ މަޝްރޫޢެކެވެ.

ޒަމާނީ ފެންވަރަށް ފަރުމާކުރެވިފައިވާ މި ޢިމާރާތަކީ އެކި ބޭނުންތައް އެއްފަސްކޮށް ހިފޭނެ ފަދަ "މަލްޓި-ޕާޕަސް" މަރުކަޒެކެވެ. އެގޮތުން، މި ޢިމާރާތުގައި އިދާރީ އޮފީސްތަކާއި، ވިޔަފާރި ބޭނުންތަކަށް ޚާއްޞަ ޖާގަތަކުގެ އިތުރުން މީހުން ދިރިއުޅޭނެ އެޕާޓްމަންޓްތައް ހިމެނުމަށް ވަނީ ރޭވިފައެވެ. މިފަދަ ވަސީލަތްތަކުގެ ސަބަބުން މި ޢިމާރާތުން ދެމެހެއްޓެނިވި ގޮތެއްގައި ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢުތަކުގެ މައިގަނޑު ބޭނުމަކީ، އަތޮޅުތެރޭގައި ބިނާކުރެވޭ މިފަދަ ޢިމާރާތްތަކުން ލިބޭ މާލީ މަންފާ ސީދާ އެ ސަރަޙައްދެއްގެ ދީނީ ކަންކަމަށް ހޭދަކުރުމެވެ. މިގޮތުން، ލިބޭ އާމްދަނީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެ ރަށެއްގައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކަށެވެ. އަދި މި ޢިމާރާތްތަކުން ލިބޭ އާމްދަނީގެ ކަންކަން ހިންގުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ލަފަޔާއި އިރުޝާދުގެ ދަށުން، އެންމެ އިސް ދައުރެއް އަދާކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެންދާނެ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި ނިޒާމު ފުޅާކުރުމުގެ މަސައްކަތް ވިލިނގިލީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގައި ވެސް ވަޤްފު އިމާރާތްތައް އެޅުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ވެރިރަށް މާލެއާއި ހުޅުމާލޭގައި ވެސް ފުޅާ ދާއިރާއެއްގައި ވަޤްފު ޢިމާރާތްތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ސަރުކާރުން ވަނީ ތާވަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު