އަހުމަދު މަސްނޫމް   6 ނޮވެމްބަރު 2021 - 11:58
ގެސްޓް ހައުސް ހިންގުމާއި ގޭގައި ފަތުރުވެރިން ބޭތިއްބުމަކީ އެއްވަރުގެ ދެ ކަމެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރ ސިފަ ކުރެއްވުމުން ދައްކަވާނެ އިތުރު ވާހަކައެއް ނެތްކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމާއި އާދަމް ޝަރީފާއި ދެމެދު ބަހުސެއް އުފެދިގެން މި އުޅެނީ ހަރުދަނާ ފިޔަވަޅުތައް އެޅުމެއްނެތި ހޯމް ސްޓޭ ފަތުރުވެރިކަން ފަށައިގެން ކުރިއަށްދާނަމަ ރާއްޖޭގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވުމުގެ ފުރުސަތު ބޮޑު ކަަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވުމުންނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން މައުސޫމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން "ހޯމްސްޓޭ" ވިޔަފާރިއާ ދެކޮޅު ވަނީ ރައްޔިތުން ފޯރުންތެރި ބަޔަކަށް ވެދާނެތީކަމަށެވެ. އެގޮތުން މައުސޫމް ވިދާޅުވީ ‏ކުދިކުދި ހޮޓާ ހިންގުމާއި ހޯމްސްޓޭއާ ދާދި އެއް ވައްތަރުކަމަށެވެ. އަދި ޒިންމާދާރުކަމާއެކީ ރަށްރަށުގަ އެކަންކުރާތާ 10 އަހަރުވެއްޖެކަމަށާއި، ނަތީޖާވެސް ރަނގަޅުކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ރައްޔިތުން ފޯރުންތެރިވީމަ ވޯޓަށް ނުފޫޒު ފޯރުވަންދަތިވާނެތީ ސިޔާސީ މަވެތިން ބޯދާވިސްނުން ގެންގުޅުމަކީ ވެދާނެކަމެއްކަމަށެވެ.

މިނިސްޓަރ މައުސޫމްގެ މިވާހަކަތަކަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ގެސްޓް ހައުސް ހިންގުމާއި ގޭގައި ފަތުރުވެރިން ބޭތިއްބުމަކީ އެއްވަރުގެ ދެ ކަމެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރ ސިފަ ކުރެއްވުމުން ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށެވެ.



އާދަމް ޝަރީފް ވަނީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އިޖްތިމާއި ފޭރާމަށް ލިބުނު ގެއްލުމާއި ބެހޭ ދިރާސާއެއް ހެއްދެވުމަށްވެސް ގޮވާލައްވާފައެވެ. އަދި އޭރުން ހަގީގަތް އެނގިވަޑައިގަންނަވާނެ ކަމަށާއި އެދުވަހަކުން މައުސޫމް ފިއްލަވާ ވަޑައިނުގަތުމަށް އާދަމް ޝަރީފް ގޮވާލެއްވިއެވެ.

ސަރުކާރުން ހޯމް ސްޓޭ ފަތުރުވެރިކަން ރާއްޖެއަަަށް ތައާރަފްކުރަން މަސައްކަތްކުރާއިރު، އެކަމާއި ސިޔާސީ ބޭފުޅުންގެ އިތުރުން ގެސްޓް ހައުސްތައް ހިންގާ ބައެއް ފަރާތްތައްވެސް ދެކޮޅެވެ. އަދި އެކަމުގެ ސަބަބުން ގިނަ އިޖުތިމާޢީ މައްސަލަތަކެއް އުފެދިގެން އަންނާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު