ހަރުދަނާ ފިޔަވަޅުތައް އެޅުމެއްނެތި ހޯމް ސްޓޭ ފަތުރުވެރިކަން ފަށައިގެން ކުރިއަށްދާނަމަ ރާއްޖޭގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވުމުގެ ފުރުސަތު ބޮޑު ކަަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެެއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ މާލެ އަތޮޅު މާފުށީގައި އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައި ނުގަނެވޭނެފަދަ އަމަލުތައް ހިންގަމުން ގެންދާކަމަށް ބުނެ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ. މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގައި އެއްބަސްވުމާއި ހިލާފު އަމަލުތައް ހިންގަމުން ގެންދާ ކަމަށެވެ.

އެކަމާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ހަރުދަނާ ފިޔަވަޅުތައް ދުރާލާ ނާޅައިފިނަމަ ހޯމް ސްޓޭއިން ރާއްޖޭގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލަކުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ގެއަށް އަންނަ ފަތުރުވެރިންގެ ވަނަވަރު ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ބޭރު މީހުން ރާއްޖޭގައި ހިންގާ ޖަރީމާތައް މިހާރުވެސް އިތުރުވެފައިވާކަަން އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.



ރާއްޖޭގެ ހުރިހާ ހިސާބެއްގައި، ގެސްޓްހައުސްއާއި ހޯމް ސްޓޭގެ ޚިދުމަތް 2023 ވަނަ އަހަރު ތައާރަފް ވެގެން ދާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާންކުރައްވާފައެވެެ.

މާފުށީގައި އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައި ނުގަނެވޭނެފަދަ އަމަލުތައް ހިންގަމުން ގެންދާކަމަށް ބުނެ އެރަށު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްބަސްވުމުގައި ޣައިރު ޤާނޫނީ އެއްވެސް މަސައްކަތެއް ނުވަތަ އެކަށީގެންނުވާ، ބޭއަދަބީ އެއްވެސް ބޭނުމަކަށް ބިން ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް ކަންކަން ހިނގަނީ އެހެން ނޫންކަމަށެެވެ. އަދި ގިނަ ބިންތަކުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި ޚިލާފަށް އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައި ނުގަނެވޭނެފަދަ އަމަލުތައް ހިންގަމުން އަންނަކަމުގެ ޝަކުވާ ރަށުގެ އާންމު ރައްޔިތުންގެ ފަރާތުންލިބި، ކައުންސިލަށްވެސް އެކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިގޮތުން ނަމާދު ގަޑި ތަކުގައްޔާއި ރޭގަނޑު 00:00 ގެ ފަހުން އަޑުގަދަކޮށް ބާރަށް ލަވަ ޖަހާ މައްސަލައާއި، ކައުންސިލްގެ ހުއްދަ ނެތި ބިންތަކާއި އިންވެގެންވާ މަގުތައް ބަންދުކޮށް އެތަނުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި، އިސްލާމް ދީނާއި ދިވެހި ޘަޤާފަތަށް ފުށުއަރާފަދަ ޣައިރު މުސްލިމުންގެ ނުވަތަ ޣައިރު ދީންތަކާ ގުޅޭ ދުވަސްތައް ފާހަގަކުރުމާއި، އިސްލާމީ ރިވެތި އަޚުލާޤުގެ ބޭރުން ވިޔަފާރި ބިންތަކުގައި އަމަލުކުރަމުން އަންނަކަން ވަނީ ފާހަގަކުރެވިފައި ކަމަށް މާފުށީ ކައުންސިލުން ބުނެފައި ވެއެވެެ.



ކިޔުންތެރިންގެ ހިޔާލު