މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ހއ. ހދ. ށ. އަދި ނޯތު ޕޮލިސްގައި ހިމެނޭ ރ. އަތޮޅުގެ ބައެއް ރަށްރަށަށް ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

މިއަދުން ފެށިގެން މިމަހު 7 އަށް ކުރައްވާ މި ދަތުރުފުޅުގައި، ހއ. އަތޮޅަށް ވަޑައިގެން ތުރާކުުނުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެ ރަށުގެ ޕޮލިސް ޑެސްކު ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ހޯރަފުއްޓާއި ހދ. ކުޅުދުއްފުއްޓަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތްް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.



އޭގެއިތުރުން، ށ. ފޭދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އެއަށްފަހު ރ. އަތޮޅަށް ވަޑައިގެން ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމުގެ އިތުރުން އެ އަތޮޅު އުނގޫފާރަށް ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒާއި ކޮމިޝަނަރ އޮފް ޕޮލިސް އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު