އަސްކަރީ ކޯޓު ޤާއިމްނުކުރެވުނީ ފެބްރުއަރީ 1ގެ ހުކުމުގެ ސަބަބުންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އެމްއެންޑީއެފުން އިއްޔެ އެކުލަވާލި ދިވެހި ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމަކީ ސިޔާސީ ނުފޫޒުން ދިވެހި ޤައުމީ ދިފާޢީ ބާރު އެއްކިބާކޮށް، ރޫލްސް - ބޭސްޑްކޮށް، ކަނޑައެޅި ލިޔެފައިވާ ވަކި އުޞޫލުތަކެއްގެ މަތިން ރާވައި، ސިފައިންނާމެދު ޢަދުލުވެރިކޮށް ކަންކަން ކުރުމަށް ބާރުއަޅާ، ތަރުތީބުކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކަނޑައެޅުއްވި ޢަޒުމް ޙާސިލްކުރުމަށް ކުރި މަސައްކަތުގެ ނަތީޖާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވުމާއި ގުޅިގެނެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އަސްކަރީ އަދުލުގެ ނިޒާމް ހަރުދަނާކޮށް، އަސްކަރީ ކޯޓެއް އުފެއްދުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ފުރިހަމަކުރިކަމަށެވެ. އަދި އެކަމާއި ގުޅޭ ލިޔުންތައް ތައްޔާރުކޮށް، ޝަރުޢީ ދާއިރާއާވެސް ހިއްސާކުރެއްވިކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. ނަަމަވެސް ރާއްޖޭގައި އަސްކަރީ ކޯޓެއް ޤާއިމްނުކުރެވުނީ ފެބްރުއަރީ 1 ގައި ކޯޓުން ހުކުމެއް ނެރެގެން ބަޣާވާތެއް ކުރަން އުޅުމުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި އަސްކަރީ އަދުލުގެ ނިޒާމު ހަރުދަނާކޮށް، އަސްކަރީ ކޯޓެއް އުފެއްދުމަށް ބޭނުންވާ ހުރިހާ ތައްޔާރުތަކެއް ވެވި، ލިޔުންތައްވެސް ތައްޔާރުކުރެވުނު. ޝަރުއީ ދާއިރާއާއި މަޝްވަރާކުރެވުނު. އަސްކަރީ ކޯޓް އޭރު އެސްޓަބްލިޝް ނުވީ 1 ފެބްރުއަރީގެ ސަބަބުން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފު އެ އިޝާރާތް ކުރަށްވާ އެކެއް ފެބްރިއަރީގެ ހާދިސާއަކީ ރައީސް ޔާމިންގެ ވެރިކަމުގެ ފަހު އަހަރުގެ ފެބްރިއަރީ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު ހުކުމެއްގެ ސަބަބުން ރާއްޖޭގެ މުޅި ސިޔާސީ މަޝްރަހަށް އައި ބޮޑު ލޮޅުމުގެ ވާހަކައެވެ. ސްޕްރީމް ކޯޓުގެ އެހުކުމަކީ އޭރު އެކި ކަހަލަ ހުކުމްތަކާއި ބަންދާއި އަރުވާލެވިގެން ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންވާ ގޮތަށް ނެރެފައިވާ ހުކުމެކެވެ. އެހުކުމާއެކު ރާއްޖޭގެ މުޅި ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ބަދަލުވެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިޢުލާން ކުރިއެވެ.



ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމް އިފްތިތާޙުކޮށްފައިވަނީ ބަންޑާރަކޮށީގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީއެެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާރިއާ ވިދާޅުވީ ދައުލަތުން އެތައް ޚަރަދެއް ކޮށްގެން، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީނުކޮށް، ތައްޔާރުކޮށްފައި ތިބި ބައެއް ސިފައިން، ނެޗުރަލް ޖަސްޓިސް ޕްރިންސިޕަލްސްއާ ޚިލާފަށް ވަޒީފާއިން ވަކިކޮށް، ސިފައިން ސިޔާސީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމުގެ ނަތީޖާއަކަށްވީ، ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލި، އާންމުންގެ ކުރިމަތީގައި ސިފައިންގެ އަގުވެއްޓުންކަމަށެވެ. އަދި ކަމަށް ޤާބިލް، ކިޔަވައިގެން ތިބި ސޯލްޖަރުން ޤައުމުގެ ދިފާޢީ ބާރުން ވަކިވެގެންދާންޖެހުމަކީ ހަމައެކަނި ސޯލްޖަރުންނަށް ލިބޭ ނިކަމެތިކަމެއް ނޫންކަމަށާއި އެއީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށްވެސް ލިބޭ ނިކަމެތިކަމެއްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

މާރިއާ ވިދާޅުވީ ނެޗުރަލް ޖަސްޓިސްގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް އަދި އިންސާނީ ޙައްޤުތަކާއި ކަރާމާތަށް އިޙްތިރާމް ނުގެއްލޭނެހެން، ވީހާވެސް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަށް ސިފައިންގެ ކަންކަން ނިންމުމަށް މަގުފަހިކުރާ މިނިޒާމުގެ ތެރެއިން، ސިފައިންނަށް ކުރިން ކުރިމަތިލާންޖެހުނު ވަޒީފާ ގެއްލުމުގެ ބިރުވެރިކަން، ނިމުމަކަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން