ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް (މ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް (މ)
ނޮވެމްބަރުު 3 ގައި ރާއްޖެ ސަލާމަތްވީ ދިވެހިދަރިންގެ ހިތްވަރާއި ހިންމަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ނެރުނު ސިފައިންގެ އައްޑަނަ މަޖައްލާގެ 30 ވަނަ ޢަދަދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލިޔުއްވާފައިވާ ޚިޠާބުގައި ވަނީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން ކަމަށެވެ.

ހަމައެއާއެކު އެދުވަހަކީ ދިވެހި ދަރީންތަކެއް މަތިވެރި ޤުރުބާނީއެއް ވީ ދުވަހެއްކަން ފާހަގަކޮށް ރައީސް ޞާލިޙް ވިދާޅުވީ އެ ދުވަހު ބައިނަލްއަޤްވާމީ ދުނިޔެ ދިވެހިރާއްޖެއާ އެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއް ކަމަށެވެ. ޚާއްޞަކޮށް އަވަށްޓެރި އިންޑިއާއިން އެ ދުވަހު ފޯރުކޮށްދިން އަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ރައީސް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

އައްޑަނަ މަޖައްލާއަށް ލިއުއްވި ޚިޠާބުގައި ރައީސް ލިޔުއްވާފައިވަނީ ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އައުކޮށްދެނީ، ޤައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަމާއި އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ޤައުމު ނެރެންޖެހޭކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން މި ޤައުމުގައި އާލާވެ އިތުރުވަމުން ދާންޖެހެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެ ދިޔަ ޤައުމީ ބަޠަލުން އެސާބިތުކޮށްދެއްވީ އެކަމެވެ." ރައީސް ޞާލިޙް ލިޔުއްވާފައިވެއެވެ.

ނަސްރުގެ ދުވަހު ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިން ކަމަށާއި ޤާނޫނީ ސަރުކާރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެ އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި ހެދީ، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި ޢަޤީދާ ކަމަށް އެ މަޖައްލާގައި ރައީސް ލިޔުއްވާފައިވެއެވެ.

ކޮންމެ އަހަރަކު ދެފަހަރު ޝާއިޢު ކުރަމުން އަންނަ އައްޑަނަ މަޖައްލާގެ މިފަހަރުގެ ޢަދަދު ނެރެދެއްވީ، 33 ވަނަ ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި މިއަދު ހަވީރު ބޭއްވި ވިކްޓްރީ ލެޕް ފެށުމުގެ ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން