މާލެ ސިޓީގައި ރައްޔިތުން އިންތިހާބުކުރާ ސިޓީ ކައުންސިލެއް އޮންނާކަށް ނުޖެހޭކަމަަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރު އިކްރާމް ހަސަން ދެއްކެވި ވާހަކައަށް އެމްޑީޕީގެ ޗެއަރޕާސަން ރައްދުދެއްވައިފިއެވެ.

މެމްބަރު އިކްރާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައި ސަރުކާރު ހިންގާ ސިޓީގައި ސިޓީ ކައުންސިލެއް އޮންނާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މައި ސަރުކާރުން އެ ސިޓީއެއް ހިންގުންކަމަށާއި މާލެ އޭރިއާއަށް ސިޓީ ކައުންސިލެއް ބޭނުމެއް ނުވާނެކަމަށެވެ.

މިވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ އިކްރާމްގެ ވާހަކަތަކާއި ގުޅިގެން ލަދުވެތިވާކަމަށާއި، ނަމަވެސް އެއީ އެމްޑީޕީގެ ވިސްނުމާއި ސިޔާސަތެއް ނޫންކަަމަށެެވެ.



މައި ސަރުކާރުން ރަށްތައް ހިންގުމުގެ ބަދަލުގައި ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކުން ސިޓީތަކާއި ކައުންސިލްތައް ހިންގުމަކީ އެމްޑީޕީގެ ލާމަރުކަޒީ ވިސްނުމުގެ ތެރެއިން ތައާރަފްވެގެންދިޔަކަމެކެވެ. އަދި ރައީސް ސާލިހުވެސް ގެންދަވަނީ ލާމަރުކަޒީ ނިޒާމް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރައީސާ އަދި އެމްޑީޕީގެ ސިޔާސަތާ ވަރަށްބޮޑަށް ފުށުއަރާ އިކްރާމްގެ އެ ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ލާމަރުކަޒީ ގާނޫނު ފާސްކޮށް އެނިޒާމުގެ ދަށުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އިންތިޚާބުކޮށް ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގަންފެށިފަހުން ވެރިކަން ކުރާ މާލޭގެ ސިޓީ ކައުންސިލްގެ މެޖޯރިޓީއާއި ސިޓީގެ މޭޔަރުކަން އެމްޑީޕީއަތުން ގެއްލުނީ މިފަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަންޏެވެ. ސަރުކާރުން ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީއާއި މޭޔަރުކަން އެމްޑީޕީއަށް ގެއްލުނު ނަމަވެސް ސިޓީ ކައުންސިލަށް އެއްބާރުލުންދީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު