އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމުން އެދެވޭ ނަތީޖާއެއް ފެންނަމުންދާކަމަަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ނާސްތާ ޕްރޮގްރާމްގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ އެ ޕްރޮގްރާމަކީ ސަރުކާރުގެ ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި ކޯވިޑާއި ގުޅިގެން ޕްރޮގްރާމް މެދުކަނޑާލުމާ ހިސާބަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 49،000 ދަރިވަރުން ހެނދުނުގެ ނާސްތާ ނަގާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ނާސްތާ ޕްރޮގްރާމަށް މިހާތަނަށް ސަރުކާރުން ގާތްގަނޑަކަށް 224 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންނަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ދަރިވަރުން ސްކޫލަށް ޙާޒިރުނުވުމާއި، ގަޑިޖެހޭ މިންވަރު މަދުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދަރިވަރުން ފިލާވަޅުތަކަށް ފޯކަސްކުރާ މިންވަރުވެސް އިތުރުކަމަަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބަލިވެގެން ބަނޑުގައި ރިއްސައިގެން، ބޮލުގައި ރިއްސައިގެން މިކަހަލަ ކަންކަން ދިމާވާލެއް ވަރަށް މަދު މިހާރު ސްކޫލްތަކުގައި. އަދި ކުދިން ސްކޫލަށް މިހާރު އަންނަނީވެސް ވަރަށް އަންނަ ހިތުން." އެންމެފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ނާސްތާ ޕްރޮގްރާމުގެ ކާމިޔާބީ ދެނެގަނެ، އެޕްރޮގްރާމުން ދަރިވަރުންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އަންނަ ޖެނުއަރީމަހު އަލުން މި ޕްރޮގްރާމް ސްކޫލްތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ވަނީ 135 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައެވެ.

ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމުގެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނާސްތާ ޕްރޮގްރާމް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓެއްގެގޮތުގައި ރާއްޖޭގެ 25 ސްކޫލެއްގައި ފެށި މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ސަރުކާރުގެ 213 ސްކޫލުގައި މި ޕްރޮގްރާމް ފަށާފައިވަނީ ހަމައެއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން