ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް އާއްމު ރައްޔިތުންގެ އަތުން ހަރަދުވާ ފައިސާ ޕީޕީއެމް ސަރުކާރެއްގައި އަނބުރާ ދޭނެކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ފުރިހަމަ ނުކޮށް މިސަރުކާރުން ދީފައިވާތީ އެކަމާ ގުޅިގެން އެތައް ބަޔަކު އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ 2023 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ޕީޕީއެމްގެ ވެރިކަމެއް ފެށުމަށްފަހު 8500 ރުފިޔާއަށް ހުރި ހިޔާ ފްލެޓްތަކުގެ ކުލި 6500 ރުފިޔާއަށް ކުޑަކޮށްދޭނެކަމަށެވެ.

ކުލި ކުޑަކުރުމުގެ އިތުރުން، ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތުގެ ހަރަދުވެސް ޕީޕީއެމްގެ ސަރުކާރެއްގައި އަނބުރާ ދޭނެކަމަށް ޝިޔާމު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ހަރަދުވާ ފައިސާގެ ބިލުތައް ފޮރުވާފައި ބެހެއްޓުމަށް ޝިޔާމް އިލްތިމާސްކުރެއްވިއެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދީ، ފިނިޝިންގ މަސައްކަތްކުރުމުގެ ހަރަދަށް ލުޔެއް ދިނުމަށް ގިނަ ބަޔަކު އެދެމުންދިޔަނަމަވެސް މިސަރުކާރުން ބުނެފައިވަނީ އެކަމަށް ލުއެއް ދެވެން ނެތީ ފްލެޓަކަށް ޖެހޭ އަގު ބޮޑުކަމުން ކަމަށެވެ.

ހިޔާ ފްލެޓްގެ އަގުތަކާ ގުޅިގެން ދާދިފަހުން އޮޑިޓަރ ޖެނެރަލް ނެރެފައިވާ އޮޑިޓް ރިޕޯޓްގައިވެސް ބުނެފައިވަނީ ހިޔާ ފްލެޓްގެ އަގު ކުޑަކޮށްފިނަމަ ސަރުކާރު ބޮޑު އަދަދަކުން ދަރަނިވެރިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން