ކޯވިޑް ކޮންޓްރޯލްކުރުމަށް އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 192.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިމަހުގެ އެއްވަނަ ދުވަހާ ހަމައަށް 13105 މީހަކަށް ފްރަންޓް ލައިން އެލަވަންސްގެ ގޮތުގައި 192.94 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން ސަރުކާރުން އަންނަނީ ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ޚާއްސަ ރިސްކް އެލަވަންސެއް ދެމުންނެވެ. އެގޮތުން ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ ރޭޓުން ސަރުކާރުން އަންނަނީ މިއެލަވަންސް ދެމުންނެވެ.

ހައި ރިސްކު މީހުންގެ ގޮތުގައި ބަލަނީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހަކާ ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭން ނުޖެހުނުނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރާ މީހުންނެވެ.

ކޯވިޑާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއްް ހާސިލުކޮށްފައިވާއިރު، ރާއްޖޭގައި ކޯވިޑް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައެވެ. އެގޮތުން ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިން ވެސް އާބާދީ ބޮޑު އިންސައްތައަކަށް މިހާރު ވަނީ ދީފައެވެ. ރާއްޖޭގައި ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ އާންމު ހާލަތަކަށް ބަދަލުކުރީ ވެކްސިންގެ ނަތީޖާއާއެކު ބަލި ކޮންޓްރޯލް ކުރުމުގައި ލިބުނު ކާމިޔާބުގެ ނަތީޖާއަށް ބުރަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން