މިދިޔަ މަހުގެ 19 ވަނަ ދުވަހު ދަންޖެހިގެން މަރުވިކަމަށް ބުނާ އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕިންސްގެ އަންހެން ނަރުހުގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

އަންހެން މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވީ އިއްޔެ އިންޑިއާއަށެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިރިހެން ނަރުހަކާ އިނދެގެން ދަރިއެއްވެސް ހުންނަ މިނަރުސް މަރުވިކަމަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލާގައި މަރުވި އަންހެން ނަރުހުގެ ފިރިމީހާ ހައްޔަރުކޮށް އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހާފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ފިރިމީހާ މާވިން ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާ ކުރުމަށްޓަކައި ވަނީ އޭނާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ވެސް ހިފަހައްޓާފައެވެ. އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރާ އެ އަންހެންމީހާ މިހާރު ހުރީ އައިޖީއެމްއެޗްގެ ވަޒީފާއިންވެސް ސަސްޕެންޑް ކޮށްފައެެވެ.

އަންހެން މީހާ އުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ކަމަށް ބުނެ، ރިޕޯޓް ކުރުމުން ފުލުހުން އެތަނަށް ދިއުމުގެ ކުރިން އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ މަރަކީ ދަންޖެހިގެން އަމިއްލައަށް މަރުވެފައިވާ މަރެއްނޫންކަމާއި އޭނާ މަރާލާފައި އޮތް ކަމަށް އެންމެ ބޮޑަށް ޝައްކުވީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުމުންނެވެ. މީގެއިތުރުންވެސް އޭނާ މަރުވީ ދަންޖެހިގެން ނޫންކަމަށް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން