ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑު ހިމެނޭކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހުންގެ އިދާރާއަށް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން، އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާ އިއްޔެގެ ވަގުތެއްގައި ފުލުހުން އެކޮމިޝަނަށް ފޮނުއްވާފައިވާކަމަށެވެ.

ޖޭއެސްސީން ބުނީ އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން އެނގޭ ގޮތުގައި ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާކަމަށެވޭ. އަދި ޤާޟީ އަލްއުސްތާޛު ޢަލީ އާދަމާއި ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީވެސް ޓެމްޕަރކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭކަމަަަށް ޖޭއެސްސީން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕަރ ކޮށްފައިވާ އޯޑިއޯއެއްކަމުގައިވިޔަސް، އެ އޯޑިއޯގައިވާ އަޑާއި އެބޭފުޅާގެ އަޑާ ދިމާވާކަމަށް ފުލުހުންގެ އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އެހެންކަމުން ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު އެ ބޭފުޅާގެ އަޑުކަމާމެދު އިންކާރުކުރިކަމުގައިވިޔަސް، މިމައްސަލަ ކޮމިޝަންގެ އިސްނެގުމަށް ތަޙްޤީޤުކުރުމަށް ނިންމައި ތަޙްޤީޤު ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

ޖޭއެސްސީން ބުނީ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާކަމަށް ނުވަތަ އެ ޝަރީޢަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަމަށް ބުނެފައި ނުވާކަން އެކޮމިޝަނަށް ފާހަގަކުރެވޭކަމަށެވެ. ނަމަވެސް، އެ އޯޑިއޯގައި ކޯޓުގެ ޝަރީޢަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާކަމާއި، އެގޮތަށް ފަނޑިޔާރު ޢަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއީޒް ފައިދާނެގުމުގެ ފުރުޞަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގުފަހިވެގެން ދިޔަކަން އެކޮމިޝަނުން ފާހަގަކުރެއެވެ.

ޖޭއެސްސީގެ ބަޔާނުގައި ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއްކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ޞައްޙަ ނޫން އޯޑިއޯތަކާއި، އެމައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް އެކޮމިޝަނުން ވަނީ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން، ކޯޓުތަކާ ފަނޑިޔާރުންނާ ގުޅޭ ގޮތުން މީޑިއާތަކުން ޚަބަރު ލިޔުއްވާއިރު، މީޑިއާއަށް ލިބޭ މަޢުލޫމާތު އާންމުކުރުމުގެ ކުރިން އެ މަޢުލޫމާތަކީ އިތުބާރު ކުރެވޭ މަސްދަރަކުން ލިބޭ މަޢުލޫމާތުކަން ޒިންމާދާރުކަމާއެކު ކަށަވަރުކުރެއްވުމަށް އެކޮމިޝަނުން މީޑިއާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން