ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ރާއްޖެ ދުނިޔޭގެ ޗާޓުން ފޮހެވިގެން ހިނގައިދާނެ ކަމަށާއި ރާއްޖޭގެ ރަށަކަށްފަހު ރަށެއް ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ޣަރަގުވެގެން އެބަދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ސްކޮޓްލޭންޑްގެ ގްލޮސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ ޗާޓުން ފޮހެވިގެން ހިނގައިދާނެ ޤައުމެއްކަމަށް ތިމާވެށީގެ މާހިރުން، ފާހަގަކުރަމުން ގެންދާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފާއިތުވީ މަހެއްހާދުވަހު ކުރެއްވި ދަތުރުފުޅުތަކުގައި ޒިޔާރަތްކުރެއްވި 6 ރަށުގައިވެސް ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އެތައް އަސަރެއްގެ ތެރެއިން، އެންމެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރަށްތައް މިދަނީ ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް، ރަށަކަށްފަހު ރަށެއް ޣަރަގުވަމުން." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ޙައްލު ކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށްފިނަމަ، މި ހިނގާ ޤަރުނު ނިމިގެންދާއިރު، ދިވެހިރާއްޖެ ނޯންނާނެކަމަށެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއިން، 2 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ޖެހިއްޖެނަމަ އެއީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް އިއްވޭ މަރުގެ ހުކުމެއްކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

2015 ވަނަ އަހަރު ޕެރިހުގައި ބޭއްވި ކޮޕް 21 ބައްދަލުވުމުގައި އަހަރަކު 100 ބިލިއަން ޑޮލަރު މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ޤައުމުތަކަށް ދޭން ވައުދުވީ ނަމަވެސް، އެ ފައިސާގެ ތެރެއިން ގައުމުތަކަށް މިހާތަނަށް ލިބުނީ ކުޑަ މިންވަރެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެ ފައިސާ ލިބޭނެ މަގުފަހިކޮށްދިނުމަށް ވެސް ރައީސް، ދުނިޔޭގެ ލީޑަރުންނަށް ގޮވާލެއްވި އެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހުރި ހުރަސްތައް ގިރާކުރުމަށް، ލިބޭ އެންމެ ފަހުފުރުސަތަށް ވެދާނެކަން އެންމެންނަށްވެސް އެނގޭކަމަށާ، މިފުރުސަތުގެ ބޭނުން ބޭކާރުކޮށްނުލުމަށް ރައީސްވަނީ ދުނިޔެއަށް ގޮވާލައްވާފަ އެވެ.

ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންގެ ވާހަކަތައް ޙިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ފާތުމަ

03-Nov-2021

ފައިސާ ހޯދުމުގެ ދަހިވެތި ކަމުގައި ރަށަކަށް ރަށެއް ޣަރަޤުވާ ކަމަށް ބުނީމާ މިތާގައި އިންވެސްޓްކުރަން އަންނާނީ ކާކު؟ ދޮގުވެރިޔަކަށް ވިޔަސް ތިޔަވަރު ބޮޑު!!!



ޓްރެންޑިން