މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
ވިލިނގިލި ބަނދަރުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ޕްރޮޖެކްޓް ނިންމާލެވޭނެކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.



މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އަސްލަމާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވަނީ ވިލިނގިލީ ބަނދަރުގެ ފޭސް ތިނަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އެގޮތުން ވިލިނގިލި ބަނދަރު މަޝްރޫޢުގެ ފޭސް-3 ގެ މަސައްކަތްތައް ނުފެށި ލަސްވަނީ ކީއްވެތޯއާއި މި މަސައްކަތްތައް ފުރިހަމަ ކުރުމަށް ރާވާފައިވަނީ ކިހިނެއްތޯވެސް މެމްބަރ ސައުދު ވަނީ ސުވާލުކުރައްވާފައެވެ.

އޭގެ އިތުރުން، ވިލިނގިލި ބަނދަރު މަޝްރޫޢުގެ ބޭރުތޮށިލުމުގައި ރައްޔިތުން ކަންބޮޑުވާ ގިނަ މައްސަލަތަކެއް ފާހަގަކުރެވި މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެވިފައިވާނެ ކަމަށް ވެސް ސައުދު ވަނީ ފާހަގަކުރަށްވާފައެވެ. އަދި ބޭރުތޮށީގެ އުތުރުފަރާތު ނެރުގެ ފައިކަށި ޖެހުމާއި އެ ނެރުގެ އުތުރުފަރާތު ބޭރުތޮށި ބޭރުކުރުމާއި، ބަނދަރުގެ ދެކުނުފަރާތު ބޭރުތޮށީގެ އުސްމިން އުތުރުފަރާތު ބޭރުތޮށީގެ އުސްމިނާ އެއްމިންގަނޑަކަށް އެއްވަރު ކުރުމުގެ މަސައްކަތާއި، އަދި ބޭރުތޮށީގެ މައްޗަށް ރާޅުއަރައި ވެލިގަނޑު ދެމިގެންދާ މައްސަލައާއި، ބަނދަރުގެ އެތެރެއިން ވެލިގަނޑު ނަގާ ފުންކުރުންފަދަ ނުނިމިހުރި ކަންކަން ނިންމުން ލަސްވަނީ ކީއްވެތޯވެސް ވަނީ ސުވާލުކޮށްފައެވެ. އަދި މިމަސައްކަތްތައް ކުރުމަށް ރާވާފައިވަނީ ކިހިނެއްތޯ ސައުދު ސުވާލުކުރައްވާފައި ވެއެވެ.

މި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ސައުދު ފާހަގަކުރެއްްވި މަސައްކަތްތައް ކުރުމަށްޓަކައި 13 ޖޫން 2021 ވަނަ ދުވަހު ވާނީ ކޮންޓްރެކްޓުގައި ސޮއިކުރެވިފައި ކަމަށެވެ. އަދި 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރެވިފައިވާކަމަށާއި، މި ޕްރޮޖެކްޓަކީ 50 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، އެންމެ ފުރަތަމަ ބަނދަރު ހަދަން ފެށިއިރު ބަނދަރުގެ ބޭރު ތޮށި އޮތީ އެއްކޮށް ހިލަ ބްރޭކްވޯޓަރއެއް ގޮތަށް ކަމަށާއި، ނަމަވެސް ކައުންސިލުގެ އެދުމުގެ މަތިން ބަދަލުތަކެއް ގެނެސް، މެދަށް ވެލި އެޅުމަށްފަހު ދެފަރާތުން ހިލަ ޖައްސާގޮތަށް ވާނީ ބަދަލު ގެނެސްފައިކަމަށް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް އެ ވެލިތައް ފައިބައިގެން ހިނގައިދާނެކަން މިނިސްޓްރީން އޭރުވެސް ފާހަގަކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މައްސަލަ އެގޮތަށް ފަހުން ދިމާވި ކަމަށާއި، އެކަން ހައްލު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހުނުކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ބަނދަރުގެ ކީވޯލް ސީދާ ކުރުމާއި، ބަނދަރުގެ ޓީޖެޓީ ހިމެނޭ ސަރަަޙައްދުގައި 10 މީޓަރު ފުޅާ ރޭމްޕެއް ހެދުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް އީއައިއޭއަކާ ނުލައި ކުރިއަށް ގެންދެވޭނެ ކަމަށް ބެލި ނަމަވެސް، މަސައްކަތުގެ ސްކޯޕަށް ބަލާއިރު އީއައިއޭ ހަދަންޖެހޭ ކަހަލަ ބައެއް މަސައްކަތްތައް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އީއައިއޭގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ބަނދަރު ސަރަޙައްދުގެ ތޮށިގަނޑު އުސްކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން މިނިސްޓްރީން ބަލަމުންދާ ކަމަށާއި، ރިވެޓްމަންޓް ޖެހުމާއި، ނެރު ފައިކަށީގެ ތޮށިގަނޑު ދިގު ކުރުމުގެ މަސައްކަތަކީ މިހާރުވެސް ޕްރޮޖެކްޓުގެ ތެރޭގައި ހިމެނިފައިވާނެ ކަންކަން ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، އީއައިއޭގެ މަސައްކަތް ނިމުމުން ފޭސް 3 ގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، ކަނޑައެޅިފައި އޮތް މުއްދަތުގެ ތެރޭގައި މި މަސައްކަތް ނިމޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން