ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެކްސްކޯރގެ މެންބަރުންނަށް މި ހަފުތާ ބަންދުގައި ހިންގި "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އެތިކަލް ޑިސިޝަން މޭކިންގ، އިންޑިވިޖުއަލް އެންޑް ގްރޫޕް ޑިސިޝަން މޭކިންގ، ލީޑަރޝިޕް އެކްސަސައިޒަސް، ހައުސް ހޯލްޑް ފަޔަރ އެމަޖެންސީ އެވައަރނަސް އަދި ޓީމް ބިލްޑިންގ އެކްސަސައިޒަސް ހިމެނެއެވެ.

އޮކްޓޫބަރު މަހުގެ 29 އިން 30 އަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮކްޓޫބަރު 30 ވީ ހޮނިހިރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދުއެވެ.



އެމްޓީސީސީ އެކްސްކޯރގެ 18 މެންބަރުން ބައިވެރިވި މި ޕްރޮގްރާމްގެ، ލެކްޗަރާއިންނަށާއި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

އެމްއެންޑީއެފުން ވަނީ މީގެ ކުރިންވެސް ރައްޔިތުން ޙިއްސާވާ ބައެއް ކުންފުނިތަކާއި، މިނިވަން މުވައްސަސާތަކާއި، ސަރުކާރުގެ ބައެއް ވުޒާރާތަކަށް އަމާޒުކޮށްގެން "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ހިންގާފައެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް ހިންގި "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމްގެ ނިންމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ބައެއް އޮފިސަރުންނާއި މުދައްރިބުންނާއި އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން